ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލުން އުރީދޫ ޓީމާއި ވިމެންސް ފުޓްބޯލް ކްލަބު އަދި ކަނބަލުން ޖާގަ ހޯދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އުރީދޫ އާއި ވިމެންސް ފުޓްބޯލް ކްލަބު އަދި ކަނބަލުން، މިހާތަނަށް ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ގްރޫޕް ބީގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އުރީދޫން ވަނީ ލޭޑީ ލަކް އަތުން 4-0ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަރުޝީ މުހައްމަދާއި ފާތިމަތު ޝަފްނާ، އެއިން ކޮންމެ ކުޅުންތެރިޔަކު އުރީދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.

އެ ގްރޫޕުގެ އެއްވަނާގައި އޮތް އުރީދޫން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ހަ ޕޮއިންޓް ވަނީ ހޯދައިފަ އެވެ. އެ ގްރޫޕުގައި ތިން ޓީމު ހިމެނޭތީ ކޮންމެ ޓީމެއް ވެސް ކުޅެން ޖެހޭނީ ދެ މެޗެވެ. ލާޑީ ލަކްއާއި ގާޒީ ސްކޫލުން މިހާތަނަށް އެއް މެޗު ކުޅެފައިވާ އިރު، އުރީދޫ އަތުން އެ ދެ ޓީމު ވަނީ ބަލިވެފަ އެވެ.

ގްރޫޕް ސީގައި ރޭ ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބު އަތުން 33-1ގެ ތަފާތުބޮޑު ނަތީޖާއަކުން ވިމެންސް ފުޓްބޯލް ކްލަބު ވަނީ މޮޅުވެފަ އެވެ. އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޔޫތު ސިޓީ ވިމެންސް އަތުން ޓީމް ފްރެންޑްސް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ ގްރޫޕުގެ އެއްވަނާގައި އޮތް ވިމެންސް ފުޓްބޯލް ކްލަބަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ޓީމް ފްރެންޑްސްއާއި ޔޫތު ސިޓީ ވިމެންސްއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ރޭގެ މެޗަށް ފަހު މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައިވާ ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބަށް ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮންނާނެ އެވެ.

ގްރޫޕް ޑީގައި ރޭ ޓީމް ފިސާރި އެފްސީ އަތުން ކަނބަލުން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އަދި އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި އެން2 ކަނބަލުން އަތުން އެން3 ކަނބަލުން މޮޅުވެފައި ވަނީ 2-0ގެ ނަތީޖާއަކުންނެވެ.

އެ ގްރޫޕުގެ އެއްވަނައިގައި އޮތް ކަނބަލުންނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ޓީމް ފިސާރި އެފްސީއާއި އެން3 ކަނބަލުންނަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ރޭގެ މެޗަށް ފަހު މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައިވާ އެން2 ކަނބަލުންނަށް ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮންނާނެ އެވެ.

އަންހެން ޑިވިޝަންގެ މެޗުތައް ދެން ކުރިއަށްދާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު ކުޅޭ ދެ މެޗަކީ ވެސް ގްރޫޕް އޭގެ ދެ މެޗެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ޕްރިޒަން ކްލަބު ނުކުންނަން ޖެހޭ އިރު، އެފްސީ ރަނިން ނުކުންނަން ޖެހޭނީ ޒެނިތު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ދެ މެޗުވެސް ފަށާނީ ހުކުރު ދުވަހުގެ ރޭ 8:00ގަ އެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.