ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު އެ މަގާމުން މާދަމާ އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށް ސަން އަށް ކަށަވަރުވެއްޖެ އެވެ. ސަން އަށް މައުލޫމާތު ދެއްވި ފަރާތުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމުން އިލްހާމް އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން މާދަމާގެ ވަގުތެއްގައި އިލްހާމް މީޑިއާއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން އިލްހާމް ވިދާޅުވީ، މިހާރު ކަންތައްތައް ހުރި ގޮތުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމުން އިސްތިއުފާ ނުދެއްވައި ހުންނެވުމަކީ ބޭނުމެއް ނެތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް މާދަމާ އެ މަގާމުން އިސްތިއުފާ ދެއްވާނެކަން ނުވަތަ ނޫން ކަމެއް ވެސް އޭނާ ޔަގީން ކޮށެއް ނުދެއްވި އެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫނު ޑީއާރްޕީ އުފެއްދެވީ ދިވެހި ގައުމިއްޔަތާއި އިސްލާމް ދީން ހިމާޔަތް ކުރުމާއި ދިވެހި ރައްޔިތުންގެ ތަރައްގީ އާއި ކުރިމަގު އުޖާލާ ކުރުމަށް މަސައްކަތް ކުރުން ފަދަ މާތް މަގުސަދު ތަކެއްގައި ކަމަށެވެ. އެކަމަކު ލީޑަރު އަހުމަދު ތަސްމީނު ޢަލީގެ ލީޑަޝިޕުގައި އެއިން އެއްވެސް މަގުސަދެއް ހާސިލު ވަމުން ނުދާ ކަމަށާއި އޭގެ އިތުރުން އިދިކޮޅު ޕާޓީއެއްގެ ފުށުން ފެންނަން ޖެހޭ ފަދަ ޒިންމާދާރު އެއްވެސް ސިފައެއް ވެސް ޑީއާރްޕީން މިހާރު ފެންނަމުން ނުދާ ކަމަށެވެ.

"އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ތަސްމީނު ރައީސް ނަޝީދާ އެކި ކަހަލަ ބައްދަލުވުންތައް ބާއްވަވާ ތަން. ޓެކްސް ބިލު ތަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އަނެއް ދުވަހު މަޖިލީހުގަ މެންބަރުންނަށް ކާޑުކޮޅު ޖެއްސެވުމުގެ އޮޅިވަޑައިގެން އެހެން ގޮތަކަށް ޖެއްސެވޭ ތަން ވެސް އެބަ އާދޭ. މި ހުންނަނީ ވަރަށް ހެއްވާ ކަންކަން،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ތަސްމީނުގެ އަމަލުތައް ހުރި ގޮތުން ގައުމުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް މި ދަނީ ދަށަށް ކަމަށާއި އެ ކަމާ ދެކޮޅަށް ބަޔަކު ތެދުވެ ފިޔަވަޅު އެޅުން މާ ބޮޑަށް ލަސް ވެއްޖެ ކަމަށެވެ.