02 May 2018, 02:29
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގު އެއްވަރުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ބަޔާން މިއުނިކް ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކޮށްފިއެވެ.
މިދިޔަ ދެ އަހަރުވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލްއިން ބަޔާންގެ މައްޗަށް ކުރި ހޯދީ އެގްރިގޭޓް 4-3ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ބަޔާންގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވެފައި އޮތީ 2-1ގެ ނަތީޖާއަކުންނެވެ. ރެއާލް ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ބަޔާންއިން ވަނީ ލީޑު ނަގައިފައެވެ. ޖަރުމަނުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗްގެ ގޯލުން ބަޔާން ލީޑު ނަގައިފައިވާ އިރު، އޭގެ ހަތް މިނެޓް ފަހުން ރެއާލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަރިމް ބެންޒެމާއެވެ. ބަޔާންގެ ވާތް ފަޅިން މާސެލޯ ކުރިއަށް ޖެހި، ނަގައިދިން ހުރަސް ބެންޒެމާ ބޮލުން ގޯލަށް ފޮނުވާލީ ފަސޭހަކަމާ އެކުގައެވެ.

ރެއާލްއާއި ބަޔާން ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފްގައި ބަޔާން ވަނީ އިތުރު ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ތޯމަސް މުލާއާއި ކޮރެންޓިން ޓޮލީސޯގެ ހަމާލަތައް ފާހަގަކޮށްލެވުނެވެ.
ފުރަތަމަ ހާފްގައި ބަޔާންއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދެވަނަ ހާފް ފެށިގެން މިނެޓެއްވެސް ނުވަނީސް ލީޑު ނެގީ ރެއާލުންނެވެ. ބަޔާންގެ މެދުތެރެއިން ޓޮލީސޯ ދިން ބެކް ޕާހަށް ބަޔާންގެ ކީޕަރު ސްވެން އުލްރިޗް ކުރިއަށް ޖެހުނު ނަމަވެސް ބޯޅަ ދިޔައީ އޭނާގެ ފަޔާ ލައްވައިނުލައެވެ.
އުލްރިޗަށް ހެދުނު ގޯހުގެ ބޭނުން ހިފައި ރެއާލްގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ފްރާންސްގެ ބެންޒެމާއެވެ.

ރެއާލްއާއި ބަޔާން ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ ފަހުކޮޅަށް ގޮސް ބަޔާންއިން ގިނަ ހަމަލާތަކެއް އުފެއްދިކަން ފާހަގަކޮށްލެވުނެވެ. އެގޮތުން މެޓްސް ހަމުލްސްގެ އިތުރުން ތޯމަސް މުލާގެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ކޭލޯ ނަވާސްއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ހަމޭޒް ރޮޑްރިގޭޒްގެ ގޯލާއެކު ބަޔާންއިން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ. ރެއާލްއަކީ ހަމޭޒްގެ ކުރީގެ ކްލަބު ކަމަށްވުމުން އޭނާ ގޯލް ޖެހުމަށްފަހު އުފާފާޅުކޮށްފައެއް ނުވެއެވެ.

ހަމޭޒް ރޮޑްރިގޭޒްގެ ގޯލަށްފަހު އޭނާ ވަނީ ރެއާލްއަށް އިހުތިރާމް ކޮށްފައި --- ފޮޓޯ/ އޭޕީ
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހުވެސް ބަޔާންއިން ވަރަށް ބޮޑަށް އެޓޭކްކޮށްގެން ކުޅެފައިވާ އިރު، ރެއާލްގެ ސެންޓާ ޑިފެންސަށް ކުޅެމުންދިޔަ ކެޕްޓަން ސާޖިއޯ ރާމޯސްއާއި ރަފޭލް ވަރާންގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.
ރެއާލްއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ނެގުމަށް ފިޔަވަޅެއް ކައިރިއަށް ޖެހިލައިފައިވާ އިރު، ޗެމްޕިއަންސް ލީގު ސެމީގައި މާދަމާރޭ އޮންނާނީ ލިވަޕޫލާއި ރޯމާ ވާދަކުރާ ދެވަނަ ލެގުގެ މެޗެވެ.
އެ ދެޓީމު ކުޅުނު ފުރަތަމަ ލެގުން ލިވަޕޫލް މޮޅުވެފައިވަނީ 5-2ގެ ނަތީޖާއަކުންނެވެ. ރޯމާގެ ދަނޑުގައި މާދަމާ ރޭ ކުޅޭ އެ މެޗު ފަށާނީ ރާއްޖެ ގަޑިން 11:45ގައެވެ.