02 May 2018, 01:22
މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ލިބިދީ ހައްގުތައް ފުރިހަމައަށް ލިބިގެން ނޫނީ ގައުމެއްގެ އިސްތިސާދު ކުރިއަރައި ނުދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިރޭ ޕީޕީއެމްގެ 'ރުމާލު 2' ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގައި ވަހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަ ގޮޮތުގައި ލިބި ދިނުމަކީ ގައުމުގެ މިނިވަން ކަމާވެސް ގުޅުން ހުރި ކަމެއް ކަމަށެވެ.
ސައީދު ވިދާޅުވީ، ގައުމުގެ މިނިވަން ކަމަށް އަރައިގަތުމަށް ބަޔަކަށް ފުރުސަތު ދެވެނީ ގައުމު ފަގީރު ކަމަށް ވައްޓަލައިގެން ކަމަށެވެ. ސައީދު ފާހަގަ ކުރެއްވީ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ 30 އަހަރުގައި އިގްތިސާދަށް މާ ބޮޑެތި މަސައްކަތްތަކެއް ނުކުރާ ވާހަކަ އެވެ.
ރައީސް މައުމޫނު މަސައްކަތް ކުރެއްވީ، ބަސް މޮށުން ތެރިކަން ކުރިއަރުވައި އަދަބީ ކަންކަން ދަސްކޮށް ދިނުމަށް ކަމަށް ވިދާޅުވިއެެވެ. އެހެން ނަމަވެސް ރައީސް މައުމޫނުވެސް ކަމެއް ނުކޮށްދޭ ވާހަކަ ވިދާޅު ނުވާ ކަމަށާއި ކޮންމެ މީހަކަށްވެސް "ހައްގު ޝުކުރު" އޮންނާނެ ކަމަށެވެ.
" ގައުމުގެ މިނިވަން ކަމާއި ގައުމުގެ އުސޫލާއި ގޮތް ނިކަމެތި ކޮށްލުމަށްޓަކައި އެންމެ ފަސޭހައިން ކޮށްލެވޭ ކަމަކީ އަޅުގަނޑުމެން ފަގީރު ކޮށްލުން. ފަގީރު ހާލަތަކަށް އަޅުގަނޑުމެން ވައްޓާލުން. ކަންކަމަށް ސަލާން ޖަހާ ބަޔަކަށް އަޅުގަނޑުމެން ހަދާލުން،" މިނިސްޓަރު ސައީދު ވިދާޅުވި އެެވެ.
ސައީދު ވިދާޅުވީ، ގައުމެއްހެ ހަޔާތުގައި އިންސާނެއްގެ އަތުގަައި ނަސީބު ހިފާނީ އެންމެ ފަހަރަކު ކަމަށެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީން މަގާމަށް އައުމަށް ފަހު އިސްކުރެއްވީ އިގްތިސާދާއި މަސައްކަތްތެރިން ކަމަށް ސައީދު ވިދާޅުވިއެވެ. މިހާރު ބޮލަކަށް 9000 ޑޮލަރު ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް މިލިބިފައިވާ ނަސީބައިގެން އެއްވެސް ޝައްކެއްނެތި ދެވަނަ ވިސްނުމަކަށް ނުގޮސް. ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ތިބެ ނަސީބުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބެ ކުރިއަށް ދާންވީ،" ސައީދު ވިދާޅުވިއެވެ.