02 May 2018, 00:11
ވެރިކަން ކުރާ ޕީޕީއެމްގެ ސިޔާސީ ހުރިހާ ހަރަކާތެއްގެ މައިގަނޑު އަމާޒު މިހާރު ހިފައިފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބުކޮށްދެއްވުމަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރުމާލު 2ގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ މިވަގުތަށް ޕީޕީއެމްގެ އިތުރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ޕާޓީގެ ފޯކަސް އޮތީ ރިޔާސީ އިންތިޚާބަށް ކަމަށެވެ.
ޒަމީރު ވިދާޅުވީ އެ މަސައްކަތް ހަރުދަނާ ކަމާ އެކު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މިހާރުވެސް ސަރުކާރާއި ޕާޓީގެ އެކި ފަންތީގެ މީހުން ގުޅިގެން އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ފޯރިއާ އެކު ކުރިއަށްދާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ފެބްރުއަރީމަހުން ފަށައިގެން މިވީ ދުވަސް ތަކަކީ ރައީސް ޔާމިނަށާއި ސަރުކާރަށްވެސް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް ﷲގެ ހެޔޮރަހުމަތްފުޅުން އެކަމުން އަރައިގެން އަލުން މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އޭނާ ވިދަޅުވިއެވެ.
"ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ސުވާލުކުރައްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން ކުރިއަށްދާ ގޮތާ މެދު. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ފޯކަސް މިއޮތީ ރިޔާސީ އިންތިޚާބަށް. އަޅުގަނޑުމެންގެ ކުރިމަތީގައި އިތުރު އެހެން އެއްވެސް ކަމެއް ނެތް،" ޒަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަންތައްތަކާ ގުޅޭ މައުލޫމާތު އެރުވުން ކުރިއަށްދާނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.