02 May 2018, 00:06
މައްސަލައަކަށް ބޭނުންވާ ހެކި ނުދީ، ހެކި ފޮރުވަން މަސައްކަތް ކުރުމުން ގެއަށް ބަދަލު ނުކުރަން ކޯޓުން ނިންމުމަކީ ރައީސް އަބްދުﷲ ޔާމީން އަންގައިގެން ކުރާކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިރޭ 'ރުމާލު 2' ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހެކި ފޮރުވަން ކަނޑައެޅިގެން މަސައްކަތް ކުރައްވާ ކަމަށް ވާނަމަ ގޭ ބަންދަށް ބަދަލުކުރެވިދާނޭ ކޯޓުން ވިދާޅު ނުވާނެ ކަމަށެވެ. އަދި "އެއީކީ ރައީސް ޔާމީން އަންގައިގެން ކުރާ ކަމެއް ނޫން" ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހެކި ނުދީގެން އެމީހުންގެ މައްޗަށް ދައުވާ ކުރީ ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށާއި އެއީ މިނިވަން ބޭފުޅެއް ކަމަށެވެ.
މޭ 1، 2018: ޕީޕީއެމް 'ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ޔާމީން ފާހަގަކުރެއްވީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ ވާހަކައެވެ. އެބޭފުޅުން ފުލުހުންނަށް ފޯނު ނުދެއްވީ އޭގެން މުއާމަލާތްތަކެއް ހިނގާފައި ހުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
" ކަންތައްތަކެއް ހިނގައިފި ދިވެހިރާއްޖޭގައި. ހިނގާފަ ހުރީމަ މީގަ މައުލޫމާތުތަކެއް ހުންނާނެ. ކީއްވެގެންތޯ މީހަކު ކުށުން ބަރީއަވާން ބޭނުން ކަމަށް ވަންޏާ އޭނަގެ ފޯނުގައި ހުރި މައުލޫމާތު ނުދޭންވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަނޑިޔާރުވެސް އޭނަގެ މައްސަލައެއް ހުށަހެޅުނީމަ ފޯނު ދޭން އެއްބަސް ނުވާ ކަމަށެވެ. ދެން އަޑު އިވިގެން ދިޔައީ ތަނަކުން ކަޅު ފޮއްޓެއް ނުކުތް ވާހަަކަ ކަމަށާއި އެ ފޮށީގެ ހުރި މައުލޫމާތު ގަބޫލު ކުރާ ކަމަށެވެ.
އަދި އެ މައުލޫމާތު ތަކަށް ބަލާއިރު އޭގެ ފަހުން ދެން ކަންކަން ހިނގާފައި ހުރި ގޮތް މުއާމަލާތްތަކެއް ކުރެވިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވީމަ ފޯނުން ހިނގާފައިވާ މުއާމަލާތްތައް ލިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
" ހެކި ނައްތާލުމަކީ މުޅި މައްސަލައަށް ފަސްއަޅާ ފޮރުވާލުން. ރާއްޖޭއަށް މިދިމާވި މައްސަލައަކީ އެއްގޮތަކަށްވެސް ރައީސް ޔާމީނާ ކުރިމަތިވި މައްސަލައެއް ނޫން. މުޅި ދައުލަތާ ކުރިމަތިވި މައްސަލައެއް. މި ފަދަ މައްސަލައެއްގައި ހެކި ނައްތާލަން ހެކި ފޮރުވަން މިފެންވަރުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވީމަ. އެބޭފުޅުންނެކޭ އާދައިގެ މީހުން ހެކި ފޮރުވަން އުޅުނީމަ އަންނަ ހުކުމެކޭ ތަފާތެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މޭ 1، 2018: ޕީޕީއެމް 'ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ވިދާޅުވީ، އެބޭފުޅުން ގެއަށް ވަޑައިނުގެންނެވިގެން އުޅެނީ އެބޭފުޅުން އަމިއްލަޔަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އެއީ ހެކި ދޭން ބޭނުން ނުވާތީ ކަމަށް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވި އިރު އެމަނިކުފާނުގެ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވޭތުވެ ދިޔަ ހަފްތާގައި ގެއަށް ބަދަލު ކޮށްދިނުމަށް ކޯޓުގައި އެދިވަޑައިގަތެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ ގެއަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.