ކޮންމެ ގައުމެއްގައިވެސް އޮންނަންވާނީ އެތަނަކަށް ފެތޭ އެތަނުގެ އެންމެންނަށްވެސް ގަބޫލު ކުރެވޭ ޑިމޮކްރަސީއެއްކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރުމާލު2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅަށް ބަލާއިރު ތަފާތު ޑިމޮކްރަސީތައް ފެންނަމުން ދާ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ތަނެއްގައިވެސް އޮންނަންވާނީ އެތަނަކަށް ފެތޭ ޑިމޮކްރަސީއެއް ކަމަށާއި ހަމަޖެހުން އަންނާނީ އޭރުން ކަމަށެވެ. އަދި ވިދާޅުވީ، ދިވެހިންނަށް ދަސްވި ޑީމޮކްރަސީގެ ސަބަބުން ރާއްޖެ ބައިބައި ވެގެން ހިނގައްޖެ ކަމަށެވެ.

" އަޅުގަނޑުމެންނަށް ޒާތެއްގެ ޑިމޮކްރަސީއެއް އައި އައުމުން މި ޕީސް ފުލް މޯލްޑިވްސް. އަ މޯލްޑިވްސް ފުލް އޮފް ޕީސަސް އަށް ބަދަލުވެއްޖެ،" އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ދިވެހިން ބޭނުންވި ގޮތް ނޫން ކަމަށެވެ.

އަލީ އާރިފް ވިދާޅުވީ، ރާއްޖެއާ ނުގުޅޭ ޑިމޮކްރަސީއެއް ފާ ކުރުމަށް ބަޔަކު މަސައްކަތް ކުރި ކަމަށާއި އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ކުރަނީ ދިވެހިންގެ ތެރެއިން ބަޔަކާއި ބޭރުގެ ބައެެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމާއި ބީރައްޓެހި ޑީމޮކްރަސީއެއް އެ ގައުމެއްގެ ރައްޔިތުންގެ ބޮލުގައި އަޅުވަން އުޅުމުން ކަން ވެގެންދާ ގޮތް ބޭރުގެ ބައެއް ގައުމު ތަކަށް މެދުވެރިވެފައިވާ ކަންކަމުން ދޭހަ ވެގެންދާ ކަމަށެވެ. މިސާލު ދައްކަވަމުން ލީބިއާ ސީރިއާ ފަދަ ގައުމުތައް އޭނާވަނީ ފާހަގަ ކުރައްވާފައެވެ.

"ޑިމޮކްރަސީއެއްވެސް ވާންވާނީ އެތަނަކަށް ސޫޓަބަލް ޑިމޮކްރަސީއަކަށް. އެހެން ނަމަވެސް އަޅުގަނޑު އިސްވެ ދެންނެވި ގައުމުތަކުގައި މިއޮތީ ޝޫޓަބަލް ޑިމޮކްރަސީއެއް،" އަލީ އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިން "ޝޫޓަބަލް ޑިމޮކްރަސީއެއް" ބޭނޫން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ގައުމު އިސްލާމީ ގައުމެއްގެ ގޮތުގައި އޮވެގެން ނޫނީ ހިތްހަމަނުޖެހުމެއް ނުލިބޭނެ ކަމަށެވެ. އަދި އުމްރާނީ ތަރައްގީއާ އެއް ފެންވަރަށް ގައުމަކީ ހަމަޖެހޭ އަމާން ތަނަކަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަމަށެވެ.