01 May 2018, 23:36
ދިވެހިންގެ ކަންކަން ނިންމުމުގައި އީޔޫގެ ބަސް މުހިންމު ނޫން ކަމަށާއި އެމީހުންގެ ބަސް އެއްގޮތަކަށްވެސް އަހަން ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މިރޭ 'ރުމާލު 2'ގައި ބޭއްވި ޖަލްސާގައި ވާހަަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާމް ދީން ގަބޫލުނުކުރާ މީހުންނަށް ދިވެހިންގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު އޮންނަންވާނޭ ބުނީމަ ދިވެހިން ކަންބޮޑުވާނެ ކަމަށެވެ.
އިސްލާމް ބައްޕައެއްގެ ދަރިއަކުވެސް އިސްލާމް ދީން ގަބޫލުނުކުރާ ކަމަށް ވަންޏާ ތަރިކައިންވެސް އޭނައަކަށް މުދަލެއް ނުލިބޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި ހަމަ ދިވެހި ރައްޔިތުން. އިސްލާމް ދީން ގަބޫލު ނުކުރާ. ނޫނީ އިސްލާމް ދީނާ ހެދި އެމީހުންނަށް ދަތިވާ ކަންތައްތަކެއް ހުރެގެން އެކަންކަމުގެ ވާހަކަ ދައްކާ މީހުންނަށް. އަޅުގަނޑަކަށް ނުވިސްނޭ އަމިއްލަ މައިން ބަފައިންގެ ތަރިކައިން ވާރުތަ ނުވާ އެއްޗެއް މުޅި ގައުމުގެ ދައުލަތުގެ ތަރިކައިން ދޭން ޖެހޭނެ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ދާދި ފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއާ ބެހޭ ގޮތުން ނެރުނު ރިޕޯޓެއްގައި ލަފާ ދީފައިވަނީ ދިވެހިންގެ ތެރެއިން އިސްލާމް ދީން ގަބޫލުނުކުރާ މީހުންނަށްވެސް ދިވެހި ރައްޔިތުކަން ދޭން ޖެހޭ ކަމަށެވެ. އެ ރިޕޯޓަށް ފާޑު ވިދާޅުވެ ސަރުކާރުގެ ފަރާތްތަކުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
" އެހެންވީމަކާ އެމީހުންގެ ބަސް އަހާކަށް ނުޖެހޭ. އެމީހުން އެންމެ ހެޔޮވަރު ވާނީ އިސްލާމް ދީނާ ދެކޮޅު އިސްލާމް ދީނާ އަދާވާތްތެރިވާ ދައުލަތަކުގައި ތިބެގެން އެމީހުން އެކުރާ މަސައްކަތަކާ އެމީހުން ކަލްޗާ ކުރާ ފިކުރެއް ނަރިޝްކުރަމުން ގެންދިޔުން ކަންނޭގެ،" ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީގައި އެންމެ މުހިންމު އެއް ކަމަކީ ބާރުތައް ވަކިވުން ކަމަށެވެ. ދެން އަނެއް ކަމަކީ ރައްޔިތުންގެ ކަންކަން ނިންމަންވާނީ ރައްޔިތުންގެ ގިނަ ބައެއްގެ މަޝްވަރާގެ މަތިންކަން ކަމަށެވެ. އަނެއް އަސާސަކީ އުގޫބާތުގެ ގާނޫނު އެންމެނަށް ހަމަހަމަކޮށް ހިނގުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
" މިއުޅެނީކީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ ނެތިގެން އުޅޭ ކަމެއް ނޫން. އެހެންވީމަ ރާއްޖޭގައި ޑިމޮކްރެސީ ފަނޑުވެގެން ހިނގައިދާނެތީ އެއްވެސް ފަރާތަކުން ބިރުން އުޅޭކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޑިމޮކްރެސީ ރާއްޖެއަށް ގެންނާނެ ކަމަށް އެންމެ ގަދަޔަށް ވިދާޅުވި ލީޑަރުން އެއްވެސް ލެގަސީއެއް ރާއްޖެއަށް ދޫކުރައްވާފައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކައެވެ. ސުވާލު ކުރެއްވީ "ރައީސް ނަޝީދާ ބެހޭގޮތުން ދިވެހިރާއްޖޭގައި އޮތް ލެގަސީއަކީ ކޮބައިތޯ" އެވެ.