ކޮންމެ ރެއަކު ގާނޫނާއި ގަވައިދާ ހިލާފަށް ބާއްވާ އެއްވުންތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފް ވާހަކަ ބައެއް ނޫސްވެރިން އަދި ބައެއް މީޑިއާތަކުން ގެނެސްދޭ ކަމަށާއި އެކަން އެގޮތަށް ނުކޮށް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ގޮވާލައްވައިފިއެވެ.

މިރޭ ރުމާލު2 ޖަގަހައިގައި ވާހަކަ ފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަށް އެއްވާ މީހުންގެ ވާހަކަ ނޫސްވެރިޔާ ގެނެސްދޭއިރު އެތަނަކީ އެއްވުން މަނާ ތަނެއް ކަމެއް ބުނެ ނުދެވޭ ކަމަށެވެ. އަދި ބައެއް މީހުން އުޅެނީ ހަމައެކަނި ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

"ކޮންމެ ރެއަކު ގަވައިދާ ގާނޫނާ ހިލާފަށް އެއްވީމާ. އަދި އެމީހުންގެ ތެރެއިން ވަކި ކަހަލަ ބަޔަކު ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ނުކުމެ މި ބުނަނީ. ގާނޫނާއި ގަވައިދާ ހިލާފަށް އެއްވާތަނުގެ ވާހަކަ އެއްކަލަ ނޫސްވެރިޔާ ވިދާޅެއް ނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ވިދާޅުވާނަމަ އެކަން ރިޕޯޓުރާން ޖެހޭނީ، " ދިވެހިރާއްޖޭގައި އެއްވެއުޅުން މަނާ ސަރަހައްދަކަށް ބަޔަކު އެއްވެ އެބަތިއްބޭ" ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުން ގޮވާލަނީވެސް ގާނޫނާ ހިލާފް ކަމަކަށް ކަމަށާއި އަދި އެއްވެ ތިބީ މަދު ބަޔަކު ކަންވެސް ރިޕޯޓް ކުރަން ޖެހޭ ކަމަށެވެ.

" މިއީ ނުންތޯ ހަގީގަތަކީ. މިވާހަކަ މިގޮތަށް ކިޔުމުގެ ބަދަލުގައި އެތަނަށް [ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ކަންމައްޗަށް] ބަރާބަރު 15 މީހުން އެެއްވެފަ ތިބި ރޭރޭ އަޅުގަނޑުމެން ދުށީމު. އެރޭރޭ މިބުނަނީ އާދަޔާ ހިލާފަށް ދިވެހި ރައްޔިތުން މިތަނަށް އެއްވަނީއޭ. އެހެންވެ ތިމަންނަމެން މި އުޅެނީ މިތާ ނުތިބެވިގެންނޭ. އެހެން ބުނާއިރު އެހެން ޓީވީ ތަކުން ފެންނަ މަންޒަރުން ހައެއްކަ މީހުން މިތިބެނީ،" ބައެއް ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީތަކުރާރުކޮށް ދޮގު މައުލޫމާތު ގެނެސްދޭ ކަމަށް އެމަނިކުފާނަށް ފާހަގަ ކުރެވޭ ޓީވީ ޗެނަލެއްގެ ނަންވެސް ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ހަމަނުޖެހުމާއި ނޭއްގާނީ ކަން ގެންނަން އުޅޭ އެއްވެސް ބަޔަކަށް މި ގައުމުގައި ކުރި ނުލިބޭނެ ކަމަށެވެ. އަދި މަގުމަތީގައި ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން ވަކިވަކި ރައްޔިތުންނަށް އުނދަގޫވާ ކަމަށް ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި މިނިސްޓަރު އަޒްލީން ވަނީ އިދިކޮޅު ޕާޓީތަކަށް ހާއްސަ ގޮތެއްގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓެއް ފަހުގެ ތާރީހެއްގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

" ހަމަ ގައިމުވެސް 13 އަހަރުގެ ކުރިއަކުން ނާންނާނެ. 13 އަހަރުގެ ބޮޑުބައެއް އަދި އޮތީ ތަންފީޒު ނުކުރެވި. އެހެންވެއްޖިއްޔާ އެމްޑީޕީގެ ފިކުރަކީ ޑިމޮކްރަސީގެ ފިކުރޭ ކިޔާނެ އެއްވެސް ޖާގައެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.