01 May 2018, 22:25
އިދިކޮޅު ފަރާތްތަކުންނާއި ރާއްޖޭގެ ގިނަ ޓީވީ ޗެނަލް ތަކުން އަދި ނޫސްތަކުންވެސް ދައްކަނީ ރައީސް ޔާމީނުގެ ވާހަކަކަމަށާއި އެއިން ދޭހަވަނީ އެމަނިކުފާނަށް އޮތް ތާއީދުގެ ބޮޑުކަން ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.
މިރޭ ޕީޕީއެމް 'ރުމާލު 2" ޖަގަހާގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދާޅުވީ މިގައުމުގެ ހެޔޮ ބަދަލަކީ ރައީސް ޔާމީން ކަމަށެވެ. އަދި ގައުމުގެ ނުވަދިހަ ޕަސެންޓް މީހުން ދައްކަނީ ރައީސް ޔާމީންގެ ވާހަކަ ކަމަށްވެސް ރަފިއްޔާ ވިދާޅުވި އެވެ.
މީގެކުރިން މިގައުމުގައި އޮތީ އަޅުވެތި ކުރުމުގެ ސިޔާސަތެއް ކަމަށާއި ކަންކަން ރަނގަޅުވެގެން ދިޔައީ ރައީސް ޔާމީން ފަދަ ރައީސަކު މިގައުމަށް ގެނައުމުން ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
"ގައުމެއްގެ ބަދަލަކީ ހަމައެކަނި އެގައުމަށް އަންނަ ރައީސަކު ގެންނަ ބަދަލެއްކަން އަޅުގަނޑުމެންނަށް މިވަނީ ޔަގީންވެފަ،" ރަފިއްޔާ ވިދާޅުވި އެވެ.
ރައީސް ޔާމީން އަންހެނުންނަށް ޚާއްސަ އިސްކަމެއް ދެއްވާތީ ރަފިއްޔާ ވަނީ އެކަމަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގައި 20 ޕަސެންޓް އަންހެނުން ހިމަނުއްވާފައި ވާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. ކުރިން ކުންފުނި ތަކުގެ ބޯޑުގައި އަންހެނުންގެ ނިސްބަތަކީ ދެ ޕަސެންޓް ކަމަށްވެސް ރަފިއްޔާ ވިދާޅުވި އެވެ.
"އިއްޔެގަ އަޅުގަނޑު މިއައީ ސިންގަޕޫރުގެ ޔޫތު ކައުންސިލާ ބައްދަލުކޮށްފައި. އަޅުގަނޑު ބުނިން ރައީސް ޔާމީނު ވެރިކަމަށް އައިއިރު އަންހެނުން ރެޕްރެސެންޓް ކުރަނީ [ބޯޑުތަކުގައި] ދެ ޕަސެންޓޭ. މިއަދު 20 ޕަސެންޓޭ. ހަތަރު އަހަރު ތެރޭގައި އެކަން ކުރުމަކީ ރޮކެޓް ސައިންސެއް ނޫން އެމީހުން ބުނީ،" ރަފިއްޔާ ވިދާޅުވި އެވެ.
އަންހެނުން ކުރި އެރުވުމުގައި ރާއްޖެ ވަނީ ސިންގަޕޫރަށްވުރެ ވެސް ކުރި ހޯދާފައިކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
މާލޭގެ ތޮއްޖެހުން ކުޑަކޮށް ޒުވާނުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ރަފިއްޔާ ވަނީ ރައީސް ޔާމީނަށް ތައުރީފު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ބުރިބުރިއަށް ނަގަން ހުއްދަ ނުދިން އިމާރާތްތައް ރައީސް ޔާމީން 14 ބުރިއަށް 25 ބުރިއަށް ނަންގަވަމުން ގެންދަނީ ހިކުމަތްތެރި ކަމުން ކަމަށެވެ.
"އޭރުގައި [ކުރީގެ ވެރިކަން ތަކުގައި] ބޭނުންވަނީ ތޮއްޖެހިގެން ބައިތިއްބަން. އޭރުންތާ އެމީހަކާ އެމީހެއް ސަލާމަތް ނުވެވިގެން އުޅޭނީ. ސަލާމަތްވާން ވިސްނާ މީހަކު މިލަނީ ޖަލަށް،" ރަފިއްޔާ ވިދާޅުވި އެވެ.