އިންޑިޔާގެ ކޮޗިންގައި ދިރިއުޅޭ ދިވެހިން ގިނަވަމުން އަންނާތީ އެތާނގެ ފުލުހުންގެ ސްޕެޝަލް ބްރާންޗުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" ގައި ބުނެފައިވާ ގޮތުގައި ވަގު ވިޔަފާރި ނުވަތަ އިންޑިޔާއާ ދެކޮޅު އެއްވެސް ހަރަކާތެއްގައި ދިވެހިން ބައިވެރިވާކަމެއް މިހާތަނަށް ކުރި އެއްވެސް ތަހުގީގަކުން އެނގިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން އެ ތަހުގީގު ކުރަން ޖެހުނީ އެތަނުގައި ދިވެހިން އާދަޔާ ހިލާފަށް ގިނަވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ބުނެފައިވެއެވެ.

" އަހަރެމެންނަކަށް ނޭނގޭ ދިވެހިރާއްޖެއިން ގިނަ ބަޔަކު މި ސިޓީއަށް އަންނަމުން ދަނީ ކީއްވެ ކަމެއް!" ކޮޗިން ފުލުހުންގެ ސްޕެޝަލް ބްރާންޗްގެ އެސިސްޓެންޓް ކޮމިޝަނާ އެމް އެން ރަމޭޝް ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިޔާގައި ވެއެވެ.

ރަމޭޝްއާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ ކޮޗިންގެ ކަރުގަޕިއްލީ ކައިރީގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސަރަހައްދެއް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދިވެހިން ކޮޗިންއަށް ދަނީ ކީއްވެތޯ ބަލަން ފުލުހުން ފެށި ތަހުގީގުން އެނގިފައި ވަނީ އެމީހުން އާއްމުކޮށް ދިރިއުޅޭ ތަނެއް ކަމަށްވާ ތިރިވަނަންތަޕޫރަމް އިން ތަފާތު ސަބަބުތަކާ ހެދި ކަމަށް ވެސް އެނޫހުގައި ލިޔެފައި ވެއެވެ.

" ގަވައިދުގައި ވާގޮތުން ވިސާއަކާ ނުލައި ދިވެހިންނަށް މެދުނުކެނޑި 90 ދުވަހު އިންޑިޔާގައި ތިބެވޭ. އެ މީހުން ހަދާ ގޮތަކީ 89 ވަނަ ދުވަހު ފުރައިގެން ދަނީ، ދެން އަނެއް ދުވަހު އަނެއްކާ އަންނަނީ،" ރަމޭޝް ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ދިވެހިން ކޮޗިންއަށް ދަނީ ވިޔަފާރި ބޭނުން ތަކަށް ކަމަށް ރަމޭޝް ވިދާޅުވި ކަމަށް ވެސް ލިޔެފައި ވެއެވެ. އެގޮތުން ޝައްކު ކުރެވޭ ބައެއް މީހުން ބަލާ ފާސްކުރި އިރު ގިނަ އަދަދެއްގެ ވެހިކަލް ސްޕެއާ ޕާޓްސް ފެނުނު ކަމަށާއި އެމީހުން އެތަކެތި ގަންނަނީ ކޮޗިންގެ ތަފާތު ފިހާރަތަކުން ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

ކޮޗިން ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާގައި އަދި ބުނެފައި ވަނީ އެއާޕޯޓް ތަކުގެ އިމިގްރޭޝަން ވިންގާ ގުޅިގެން ދިވެހިން ކޮޗިންއަށް އަންނަމުންދާ އަސްލު އަދަދު ހޯދަން މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.