01 May 2018, 20:49
ފ. ނިލަންދުއާއި ށ. ފޯކައިދުއާއެކު ތ. ތިމަރަފުއްޓާއި ބ. ފެހެންދޫން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިފިއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ އިތުރުން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ. ތިމަރަފުއްޓާއި ފެހެންދޫން ވަނީ މިއަދު ހަވީރު ކުޅުނު މެޗުތައް ކާމިޔާބުކޮށް، މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މިއަދު ހަވީރު ނިލަންދޫގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ސ. ހިތަދޫ އަތުން ތިމަރަފުށި މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 47 ވަނަ މިނެޓުގައި ތިމަރަފުއްޓަށް އަހްމަދު ތޯހިރު ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 67 ވަނަ މިނެޓުގައި އަޓަންގަނާ އޮނަމްބެލޭ ވަނީ ހިތަދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ތިމަރަފުއްޓަށް އަލުން ލީޑު ހޯދައިދިނީ ޝާމިލް ހަސަނެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ބ. އަތޮޅު އަދި ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި ފެހެންދޫ: އެޓީމު ވަނީ ފައިނަލް ބުރުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށް، ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އެފްއޭއެމް
މިއަދު ހަވީރު ފޯކައިދޫގައި ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި އދ. ފެންފުށި އަތުން ފެހެންދޫ މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ފެހެންދޫން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން ޝިފާހު ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސާޖިދާއި ހުސައިން އީމާނެވެ.
އެ މެޗުގެ 52 ވަނަ މިނެޓުގައި ފެހެންދޫގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް ޝިފާހު ހެޓްރިކެއް ފުރިހަމަކުރި އިރު، މެޗުގެ 66 ވަނަ މިނެޓުގައި ފެހެންދޫގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނިޒާމެވެ. މެޗުގެ 75 ވަނަ މިނެޓުގައި ފެންފުށިން ޖެހި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަބްދުލް ކަރީމެވެ.
އެ މެޗުތަކާއެކު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ކުޅުން ވަނީ ނިމިފައެވެ. ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ގްރޫޕް އެކެއްގެ އެއްވަނައިގެ ގޮތުގައި ތިމަރަފުށި ސެމީއަށް ދަތުރުކުރި އިރު، ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ އަށް ޕޮއިންޓް ހޯދި ނިލަންދޫއެވެ. ހިތަދުއާއި އެންމެ ފަހުގެ ޗެމްޕިއަން ދ. ކުޑަހުވަދުއަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގެ ފުލުގައި ނިންމާލި ގދ. ހޯނޑެއްދުއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކުޅުނު ހަތަރު މެޗުން ހޯދި ދިހަ ޕޮއިންޓާއެކު ގްރޫޕް ދޭއްގެ އެއްވަނައިގެ ގޮތުގައި ފޯކައިދޫ ސެމީއަށް ދަތުރުކުރި އިރު، ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ނުވަ ޕޮއިންޓް ހޯދި ތިމަރަފުއްޓެވެ. ތިންވަނައިގައި އޮތް އއ. މާޅޮހަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ހއ. މުރައިދުއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ފެންފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި އަންނަ ހޮނިހިރު ދުވަހެވެ. އަދި މާލޭގައި އޮންނަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުއެވެ.