01 May 2018, 20:16
އަހަރަކު ނުވަ މިލިަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ޕާކިސްތާނުން ހެދި " ނިއު އިސްލާމްއާބާދު އިންޓަނޭޝަން އެއާޕޯޓް" މިއަދު ހުޅުވައިފިއެވެ.
އެކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓު ހުޅުވައިދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ހައްގާން އައްބާސީއެވެ.

ނިއު އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: އޭއެފްޕީ
އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު މިއަދު ހުޅުވި އެއާޕޯޓް ވެެގެންދާނީ މިހާރު ޕާކިސްތާނުގެ އެންމެ ބޮޑު އެއާޕޯޓަށް ވެސް މެއެވެ. އެ އެއާޕޯޓުން މިހާރު ނުވަ މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވުނަސް، 2025 އަހަރު އަންނަންވާއިރަށް 25 މިލިއަން ފަސެންޖަރުން ހިދުމަތްދެވޭނެ ފެންވަރަށް އެއާޕޯޓު ބޮޑުކުރާގޮތަށް ވަނީ ޕްލޭންކޮށްފައެވެ.
މިއީ 861.5 މިލިއަން އެެމެރިކާ ޑޮލަރު ހޭދަކޮށްގެން އެޅި އެއާޕޯޓެކެވެ.

ނިއު އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: އޭއެފްޕީ
އިސްލާމީ " އާކިޓެޗްކާ" ރަމްޒުކޮށްދޭގޮތަށް ބިނާކޮށްފައިވާ އެއާޕޯޓުގައި ވަނީ ހަކަތަ ބޭނުންކުރާ ވަރު މަދުކުރުމަށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް އެއާޕޯޓުގައި ބޭނުންކުރާނެ ގޮތްތައް ހަދައިފައެވެ. އެއާޕޯޓުގައި 3.5 ކިލޯމީޓަރުގެ ދެ ރަންވޭ އޮންނައިރު 90 ޗެކިން ކައުންޓަރުވެސް ހުރެއެވެ.
އެއާޕޯޓުގެ ހިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުން ހަތަރު ލޭން ހިމެނޭގޮތަށް ހައިވޭއެއްވެސް ވަނީ ހަދައިފައެވެ. އާ އެއާޕޯޓާއެކު ޕާކިސްތާނުގެ ޓޫރިޒަމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.