ޖިހާދާއި ހަނގުރާމަ ކުރުމުގެ މައިދާނަށް ދަރިން ނުފޮނުވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

"ފުވައްމުލަކުގެ ތަރައްގީގައި ސާކުގެ ހިއްސާ" މި ނަމުގައި މިއަދު އެ އަތޮޅުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުވައްމުލަކުގެ ޒުވާނަކު ޖިހާދު ކުރުމަށް ޕާކިސްތާނަށް ގޮސް ގެއްލިފައިވާ ކަމަށާއި އެއީ އަލަށް ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހަނގުރާމައަށާއި ޖިހާދަށް ދިވެހިން ދަރިން ފޮނުވުމުގެ ދީނީ ވިސްނުން އެމަނިކުފާނަށް ސާފުވެވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންގެ ގާތުން ވަރަށް ބޮޑަށް މިކަން އޮޅުން ފިލުވައިފިން އެ ބޭފުޅުންނަކަށް ވެސް ސާފެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
~
އެމަނިކުފާނު ވިދާޅުވީ ރަށުން ދަރިފުޅު ފޮނުވާލަނީ ތައުލީމް ލިބޭނެ ކަމުގެ އުންމީދުގައި ނަމަވެސް ވެއްދޭ މަދަރުސާއެއްގެ ސަބަބުން ބައެއް ފަހަރަށް ކުދިން ވެގެންދަނީ ތައުލީމް ހޯދަން އުޅޭ ބައެއްގެ ބަދަލުގައި ޖިހާދަށާއި ހަނގުރާމައަށް ތައްޔާރުވާ ބައެއްގެ ގޮތުގައި ކަމަށެވެ. އެހެންވުމުގެ ސަބަބުން މައިންބަފައިންނަށް ކުދިން ގެއްލިގެންދާތަން އަންނަ ކަމަށެވެ. ޖިހާދު ކުރާނަމަ ރާއްޖޭގައި ކުރާން ހުރި ޖިހާދު މާ ގިނަ ކަމަށާއި ނުނިމި ހުރި، ކުރާން ހުރި ކަންކަމާއި މަސައްކަތްތައް ބައިވަރު އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަފުޣާނިސްތާނުގެ ބޯޑަރު މައްޗަށް ގޮސް ކަންދަހާރުގައި ޖިހާދު ކުރާންވީ ސަބަބަބެއް އަޅުގަނޑަށްކަށް އޮޅުމެއް ނުފިލާ،" ރައީސް ވިދާޅުވި އެވެ.

ޖިހާދު ކުރުމާއި ހަނގުރާމައިގެ މައިދާނަށް ދަރި ނުފޮނުވުމަށް ފުވައްމުލަކާއި ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެދި ވަޑައިގެން، ރައީސް ވިދާޅުވީ ދިވެހިންނަށް ރަނގަޅު ތައުލީމް ހޯދައިދެވޭނެ ކަމަށާއި ސަރުކާރުން އެކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.

"އެހެންވެގެން ފެށުނީއްސުރެ ވެސް އަޅުގަނޑު ދައްކަމުން އައި ވާހަކަ އަކީ ފުވައްމުލަކުގައި މަތީ ތައުލީމުގެ ފުރުސަތު ލިބެން ޖެހޭނޭ. އެ ފުރުސަތު ފަހި ކުރުމަށް ޔުނިވާސިޓީގެ ފެކަލްޓީއެއް ފުވައްމުލަކުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވާނީ ކުރިން ވެސް އަޅުގަނޑު ދަންނަވާފައި އަދިވެސް ޔަގީންކޮށް މި އަރުވަނީ އެ މަސައްކަތް ހުއްޓާއެއް ނުލަމޭ އެކަން ކުރާނަމޭ،"