01 May 2018, 20:12
ޔަމަނަށް ހަމަލާދޭ ސައުދީގެ ކޯލިޝަނުން ވަކިވުމަށް ސޫދާނުގެ ޕާލިމަންޓުގެ ބައެއް މެމްބަރުން އެގައުމުގެ ރައީސް އުމަރު އަލް ބަޝީރަށް ބާރުއަޅަން ފަށައިފިއެވެ.
ސޫދާނުގެ ޕާލިމަންޓުގައި ހިމެނޭ "އެލަަޔަންސް ފޯ ޗޭންޖް" ގައި ހިމެނޭ މިނިވަން މެމްބަރުން ވިދާޅުވީ ޔަމަނު ހަނގުރާމަޔަަށް އެ ގައުމުގެ ސިފައިން ފޮނުވުމަކީ ސޫދާނުގެ ގާނޫނާވެސް ހިލާފު ކަމެއް ކަމަށެވެ.
" އެހެން ގައުމުތަކުގެ ދާހިލީ ކަންތައްތަކާ ސުދާނުން ބެހިގެން ނުވާނެ. އެހެން ގައުމަކުން ކުރާ ހަނގުރާމައަކަށް ސިފައިން ފޮނުވުމުގެ ބާރު ސޫދާނުގެ ރައީސަކަށް ލިބިގެން ނުވޭ،" އެލަޔަންސް ފޯ ޗޭންޖްގެ ޗެއާމަން އަބުލްގާސިމް ބުރުތޮމް ވިދާޅުވިއެވެ.
ސޫދާނުން ގެންގުޅެން ޖެހޭނީ ވަކި ކޮޅަކަށް ނުޖެހޭ ސިޔާސަތެއް ކަމަށް ވެސް ބުރުތޮމް ވިދާޅުވިއެވެ. ޔަމަނުގައި ހަނގުރާމަކޮށް މަރުވި ސޫދާނުގެ ސިފައިންގެ އާއިލާތަކަށް ބަދަލު ދިނުމަށް ވެސް އޭނާ ވަނީ ގޮވައިލައްވައިފައެވެ.
ޔަމަނުގެ ހަނގުރާމައިން ވަކިވުމަށް އެގައުމުގެ ގިނަ ފަރާތްތަކުން މީގެ ކުރިންވެސް ދިޔައީ ބާރު އަޅަމުންނެވެ. މި މަހުގެ 10 ވަނަ ދުވަހު ސޫދާނުގެ ގިނަ ސިފައިންތަކެއް އެ ހަނގުރާމައިގައި މަރުވި ހާދިސާއަށް ފަހު ކޯލިޝަނުން ވަކިވުމަށް އެގައުމުގެ ރައްޔިތުންނަށް ދަނީ އިތުރަށް ގޮވާލަމުންނެވެ.
ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަފެށީ 2015 ވަނަ އަަހަރުއެވެ. އެ ހަނގުރާމައިގައި މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.