ރާއްޖޭގެ މާކެޓިން އަދި ޕީއާރް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން ބާއްވާ ބައިނަލްއަގްވާމީ ޓްރޭޑް ފެއާ "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" ގެ ވިޔަފާރި ބައްދަލުވުންތައް ފަށައިފިއެވެ.

"ހޮޓެލިއާ ސަމިޓް"އާ އެކު އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓުގައި އިފްތިތާހުކުރި ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާ ވިޔަފާރި ބައްދަލުވުންތައް މިއަދު ފަށައިގެން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގެޓްއަވޭސްގެ ސީއީއޯ، ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، މިދިޔަ އަހަރަށްވުރެ މި އަހަރުގެ ޓީޓީއެމް ފެއާ ކާމިޔާބު ކަމަށާއި މިދިޔަ އަހަރަށް ވުރެ ގިނަ ފަރާތްތަކުން މި އަހަރު ޓީޓީއެމް ފެއާގައި ބައިވެރިވާ ކަމަށެވެ.

ސަނީ ވިދާޅުވީ، މި އަހަރުގެ ވިޔަފާރި ބައްދަލުވުންތަކުގައި ބޭރުގެ 200 އަށްވުރެ ގިނަ އެޖެންޓުންނާއި ރާއްޖޭގެ އެޖެންޓުންވެސް ބައިވެރިވާ ކަމަށެވެ. އަދި މި އަހަރުގެ ވިޔަފާރި ބައްދަލުވުން ތިން ދުވަހަށް ކުރިއަށްދާނެ ކަމަށް ވެސް ސަނީ ވިދާޅުވިއެވެ.

"މި ދިޔަ އަހަރު އޮތީ ދެ ދުވަސް. މި އަހަރު އެޖެންޓުން ގިނަ ވެގެން ތިން ދުވަހަށް އިތުރުކޮށްފައި ވަނީ. މިދިޔަ އަހަރު އޮތީ 4،000 މީޓިން. މި އަހަރު ހީވަނީ 5،000 އަށް ވުރެވެސް ގިނަ ވެދާނެ ހެން. އެބަ އުޅޭ ހަމައެކަނި ބޭރުގެ ވެސް 200 އަށް ވުރެ ގިނަ މީހުން،" ސަނީ ވިދާޅުވިއެވެ.

ޓީޓީއެމް ފެއާގެ ވިޔަފާރި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ގެސްޓްހައުސް ހިންގަމުން އަންނަ ފަރާތަކުން "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓީޓީއެމް ފެއާގެ ތެރެއިން ބާއްވަމުން އަންނަ ވިޔަފާރި ބައްދަލުވުމުގެ ސަބަބުން އެޖެންޓުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާ ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ. އަދި އެ މީހުންގެ ވިޔަފާރި މާކެޓްކޮށް، ފުޅާކުރުމަށް ޓީޓީއެމް ފެއާއިން މަގުފަހި ކޮށްދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓީޓީއެމް ފެއާގެ ވިޔަފާރި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރިވެރިންނާ ހޮޓަލިއަރުންގެ ބައްދަލުވުންތަކަށްފަހުގައި ދެން ޓީޓީއެމް ފެއާގެ ދަށުން ކުރިއަށްދާނީ މި މަހުގެ ހަތަރެއް އަދި ފަހެއްގައި ކުރިއަށްގެންދާ ސަޕްލަޔާ އެކްސްޕޯއާއި ޓީޓީއެމް ގާލާއެވެ.

ޓީޓީއެމްގެ ގާލާ އޮންނާނީ މާދަމާރޭ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައެވެ.