ވަޓްސް އެޕްގެ ކޯ ފައުންޑަރު އަދި އެ ކުންފުނީގެ ސީއީއޯ ޖޭން ކުއޮމް މަގާމުން އިސްތިއުފާ ދޭން ނިންމައިފިއެވެ.

ޖޭން ފޭސްބުކްގައި އާންމުކުރި މެސެޖެއްގައި ބުނީ އޭނާ ކުންފުނި ދޫކޮށްލަން ނިންމީ ޓެކްނޮލަޖީއާ ދުރުގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށް ކަމަށެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން ޖޭން ވަޓްސްއެޕް ދޫކޮށްލަނީ މިހާރު ވަޓްސްއެޕްގެ ޕޭރެންޓު ކުންފުނި ފޭސްބުކްގެ ސްޓްރެޓެޖީ ތަކާމެދު ޚިޔާލުތަފާތު ވެގެންނެވެ.

ފޭސްބުކްގެ ޑާޓާ ސްކޭންޑަލްގައި ވަޓްސްއެޕް މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ހިމަނާފައިވާކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ޖޭންގެ ސްޓޭޓުމެންޓުގައި ބުނީ ވަޓްސްއެޕް އާއެކު ފާއިތުވި 10 އަހަރަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ކުންފުންޏަށް ސަޕޯޓު ދޭނެ ކަމަށާއި ނަމަވެސް ކުންފުންޏާ ދުރުގައި ދުވަސްތައް ހޭދަކުރަން މިހާރު ބޭނުންވާ ކަމަށެވެ.

ވަޓްސްއެޕް 2009ގައި އުފެއްދުމަށްފަހު ޖޭން އާއި އޭނާގެ ޕާޓްނަރު ބްރެއިން، އެމީހުންގެ ކުންފުނި 2014 ވަނަ އަހަރު ފޭސްބުކްއަށް ވިއްކާލީ 19 ބިލިއަން ޑޮލަރަށެވެ.

ބްރެއިން ވަނީ މިދިޔަ އަހަރު ކުންފުނިން ވަކިވެފައެވެ.

ވަޓްސްއެޕް ބޭނުންކުރާ 1.5 ބިލިއަން މީހުން އެބަތިއްބެވެ. އެއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް މެސެޖިން އެޕްލިކޭޝަން އެވެ.