01 May 2018, 15:04
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ މީހަކު ހޮވަން ބާއްވާ އޮޑިޝަންގައި 33 މީހަކު ބައިވެރިވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، "އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ އެ މުބާރާތް އޮންނާނީ އަންނަ މަހުގެ 11 އިން 17 އަށެވެ. މިއީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މުބާރާތަކެވެ.
އެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި އެއް ފަހަރެއްގެ މަތީން މުއްދަތު އިތުރު ކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް ވަނީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ބަންދު ކޮށްފަ އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ މީހަކު ހޮވަން ބާއްވާ އޮޑިޝަނަށް ފުރުސަތު ހުޅުވާލި މުއްދަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 33 މީހަކު އޮޑިޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.
އަދި މުބާރާތުގެ އޮޑިޝަން މިއަދު ބާއްވަން ނިންމި ނަމަވެސް، މިހާރު އޮޑިޝަން ބައްވަން ނިންމާފައި ވަނީ މާދަމަ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ކަމަށް އެ މަރުކަޒުން ބުންޏެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މުބާރާތުގައި ބައިވެރިވާނީ 11 ގައުމަކުން ކަމަށާއި އަދި އެ ގައުމުތަކަށް ދައުވަތު ފޮނުވަމުންދާ ކަމަށެވެ.
މިސްރު، ސައުދީ އަރަބިއާ، ޕާކިސްތާން އަދި ރާއްޖޭގެ ފަނޑިޔާރުން ހިމެނޭ ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލަކުން ފަނޑިޔާރުކަން ކުރާ އެ މުބާރާތުގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 30،000 ޑޮލަރެވެ.
ދެވަނަ އަށް 15000 ޑޮލަރު އަދި ތިން ވަނަ އަށް 5000 ޑޮލަރު ހުށަހަޅައިފައިވާ އިރު، މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ.