02 Sep 2011, 20:08
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީ ޒައީމު މައުމޫން އަބްދުލްގައްޔޫމް ޑީއާރުޕީ އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއަސް މާ ބޮޑު ފިކުރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ ވިދާޅުވީ މީގެ ކުރިން ވެސް ޑީއާރުޕީގެ ލީޑާޝިޕްގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެ ޕާޓީ ދޫކުރައްވައި ޕާޓީތައް ހައްދަވާފައިގެން ވަޑައިގެންފައިވާ ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނާއި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ހިމެނިވަޑައިގަންނަވާ ކަމަށާއި އެ ބޭފުޅުން ޑީއާރުޕީ ދޫކުރެއްވުމުން ވެސް ޕާޓީއަށް މާ ބޮޑު ލޮޅުންތަކެއް ނާރާ ކަމަށެވެ.
އަދި ވިދާޅުވީ ޒައީމު މައުމޫން އިސްވެ ހުންނަވައިގެން ހައްދަވާ ޕާޓީ އަށް، ޑީއާރުޕީން ގިނަވެގެން ދާނީ 10،000 ވަރަކަށް ހާސް މީހުން ކަމަށާއި ގިނަ ބޭފުޅުން ތިއްބެވީ ޑީއާރުޕީގައި ދެމިތިއްބަވަން ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ވަކި ލީޑަރެއްގެ ފަހަތުގައި ނުތިއްބެވޭ ބޭފުޅުން އަދި ވެސް ދަތުރު ކުރައްވާނީ އެމަގުން ކަމަށާއި އަލަށް ހަދާ ޕާޓީ ވެސް "ތިން ހަތަރު ފަޅިއަށް" ބައިވާނެ ކަމަށެވެ.
"ތިޔައިގައި އޮންނާނީ އުމަރު ޕާޓީއެއް ޔާމީން ޕާޓީއެއް،" ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ފަހަރި ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަކީ ސިޔާސީ ދުރުވިސްނިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އޭނާ އަކީ "ވިޝަން ހުރި" ބޭފުޅެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ މި ޕާޓީން،" 38000 މެންބަރުންގެ މައްޗަށް އޮތް ޕާޓީއާ ބެހޭ ގޮތުން ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީން ވަކިވެ އަލަށް ޕާޓީއެއް ހަދަން އުޅެނީ "ލީޑަޝިޕް ގަބޫލުނުކުރެވިގެން" އުޅޭ ބައެއް ކަމަށާއި އެ މީހުން ޕާޓީން ވަކިވުމުން މާ ރަނގަޅަށް އަދި "ފޯކަސްކޮށް" 2013 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރެއްވޭނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޑީއާރުޕީން އެއްވެސް ބޭފުޅަކު ވަކިވެވަޑައިގަތުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ޑީއާރުޕީގެ ޒެޑް ފެކްޝަނުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު، ޒައީމް މައުމޫން އިސްވެހުންނަވައިގެން ރޭ ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފަ އެވެ.
އެ ނިންމުމަށް ފަހު ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ފެކްޝަނުގެ އިސް އެކްޓިވިސްޓް އުމަރު ނަސީރު ވިދާޅުވީ "ގައުމީ މަސްލަހަތު ހިޔާމާޔަތް ކުރުމަށް" އެ ނޫން ގޮތެއް ނެތްކަމަށެވެ.