މޮސްކޯ (ރޮއިޓާސް) – ރަޝިއާގައި މަގުބޫލް މެސެޖިން އެޕްލިކޭޝަނެއް ކަމަށްވާ ޓެލެގުރާމް ބުލޮކް ކުރުމާ ދެކޮޅަށް އެގައުމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށްފިއެވެ.

ވެރިރަށް މޮސްކޯގެ މަގުތަކަށް އިއްޔެ ނުކުމެ މުޒާހަރާ ކުރި މީހުން ވަނީ އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ދެކޮޅަށް އަޑު އުފުލައި، ޓެލެގުރާމްގެ އެޕްލިކޭޝަން ލޯގޯއިން ރަމްޒުކޮށްދޭ، ކަރުދާސް ރޮކެޓް މަގުތަކަށް އުކާފައެވެ.

"ޕުޓިންގެ ވެރިކަމުން އެވަނީ އިންޓަނެޓާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި. އޭނާ އެވަނީ މިނިވަން މުޖުތަމައުތަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި. އެހެންވެގެން ޓެލެގުރާމްގެ ދިފާއުގައި ނުކުންނަންޖެހުނީ،" މުޒާހަރާ ކުރަމުންދިޔަ އެކަކު ރޮއިޓާސްއަށް ބުންޏެވެ.

މުޒާހަރާތަކަށް ނުކުންނަ މީހުން ގުނާ ހިލޭ ސާބަހަށް މަސައްކަތްކުރާ ގުރޫޕެއް ކަމަށްވާ، ވައިޓް ކައުންޓާ، އިން ބުނާގޮތުން، އިއްޔެ ކުރި މުޒާހަރާތަކުގައި 12،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ރަޝިއާގައި ޓެލެގުރާމް ބުލޮކުކުރަން އަމުރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

އެގޮތަށް އެގައުމުގެ ސަރުކާރުން ނިންމީ، ޓެލެގުރާމް ބޭނުންކުރާ މީހުންގެ އެންކުރިޕްޓެޑް މެސެޖުތައް ބެލުމުގެ ހުއްދަ ރަޝިއާގެ ސްޓޭޓް ސެކިއުރިޓީ ސާވިސްއަށް ދިނުމަށް ނެރުނު ކޯޓް އަމުރަށް ޓެލެގުރާމުން ދެކޮޅު ހެދުމުންނެވެ.

ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސްއިން ބުނީ، ޓެލެގުރާމުން ކޮށްފައި ހުންނަ ބައެއް މެސެޖުތައް ބެލުމަށް ބޭނުންވަނީ ރަޝިއާއަށް އަމާޒުވެދާނެ ޓެރަރިސްޓް ހަމަލާއަކުން ސަލާމަތްވުމުގެ ގޮތުން ކަމަށެވެ.

ރަޝިއާ ސަރުކާރުން ޓެލެގުރާމް ބުލޮކް ކުރުމުން، އެ އެޕްލިކޭޝަންގެ ފައުންޑަރު ރަޝިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޕަވެލް ޑުރޯވް ވަނީ، ޓެލެގުރާމް ބޭނުން ކުރެވޭނެ ގޮތަށް ހަދައި ޕްރޮކްސީސް އަދި ވީޕީއެން އުފައްދަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ފަންޑު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ޓެލެގުރާމް ބުލޮކް ކޮށްފައިވާއިރު، އިރާނުގެ ޝަރުއީ ނިޒާމުންވެސް ވަނީ އެގައުމުގެ ސަލާމަތީ ކަންކަމަށްޓަކައި އެ އެޕްލިކޭޝަން ބުލޮކް ކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 މިލިއަނަށްވުރެ ގިނަ މީހުން ޓެލެގުރާމް ބޭނުންކުރާއިރު، އެ އެޕްލިކޭޝަނަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ މަގުބޫލު މޯބައިލް މެސެޖިން ސާވިސްއެވެ.