ބާސެލޯނާއަކީ މި ސީޒަންގެ ލީގު ޗެމްޕިއަނުން ނަމަވެސް، އަންނަ އާދީއްތަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ލީގުގައި ކުޅޭ މެޗުގައި އެޓީމަށް ގާޑް އޮފް އޮނާއެއް ނާރުވާނެ ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ލީގު ޗެމްޕިއަންކަން ޓީމަކަށް ކަށަވަރު ވެފައިވާނަމަ އާއްމުކޮށް އެޓީމަކަށް އިދިކޮޅު ޓީމުތަކުން ގާޑް އޮފް އޮނާ ދޭ މަންޒަރު ލީގުތަކުގައި ފެނެއެވެ. ހާއްސަކޮށް މީގެ ކުރިން ރެއާލްއަށްވެސް ބާސާއިން ގާޑް އޮފް އޮނާ އެރުވިތަން ވަނީ ފެނިފައެވެ. އަދި ރެއާލްއިންވެސް ވަނީ ކުރިން ބާސާއަށްވެސް ގާޑް އޮފް އޮނާ ދީފައެވެ.

މި ހަފްތާ ތެރޭގައި ބާސާއިން ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިރު، ބާސާއިން ލީގުގައި ދެން ކުޅޭނެ މެޗަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. މިހާތަނަށް ލީގުގައި ކުޅުނު މެޗަކުން ބާސާ ބަލިވެފައިނުވާ އިރު، ރެއާލްގެ މެޗު ވެގެންދާނީ ބަލިނުވެ ސީޒަން ނިންމާލުމަށް ބާސާއަށް ކުރިމަތިވާ އެންމެ ބޮޑު ޓެސްޓަށެވެ.

ބާސާއަކީ ލީގު ޗެމްޕިއަނުން ނަމަވެސް ގާޑް އޮފް އޮނާއެއް ނުދޭނެ ކަމަށް ކުރިން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންވެސް ބުނެފައިވާ އިރު، ޒިދާން ބުނީ އެއީ އޭނާގެ ނިންމުމެއް ކަމަށެވެ. ލަފާކުރެވޭ ގޮތުގައި ޒިދާން އެގޮތަށް ނިންމީ ރެއާލްއިން ދުނިޔޭގެ ޗެމްޕިއަންކަން ނެގުމަށްފަހު ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާއިން ގާޑް އޮފް އޮނާ ނުދިނުމުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ރެއާލްއިން ކުޅޭ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ރާމޯސް ބުނީ ބާސާއަށް ގާޑް އޮފް އޮނާއެއް ނުދޭނެ ކަމަށާއި، އެވާހަކަ މިހިސާބުން ނިމުނީ ކަމަށެވެ.

"ޒިދާން ބުނަނީ ރަނގަޅު ވާހަކައެއް. މިހާރު މާ ގިނައިން އެކަމާ ގުޅިގެން ވާހަކަ ދެއްކިއްޖެ. ބާސާއިން ބޭނުންވި ތަށި އެއޮތީ ލިބިފައި. ރެއާލްއިން ގާޑް އޮފް އޮނާއެއް ނުދޭނެ. ފުލްސްޓޮޕް،" ރާމޯސް ބުންޏެވެ.

ރާމޯސް މިހެން ބުނެފައި ވަނީ ރެއާލްގެ ފަރާތުން ބާސާއަށް ގާޑް އޮފް އޮނާއެއް ދޭން ޖެހޭ ކަމަށް ސްޕެއިން އަދި ބާސާ ޑިފެންޑަރު ޖޯޑީ އަލްބާވެސް ބުނެފައިވަނިކޮށެވެ.

ރާމޯސް ބުނީ ބާސާއިން ބޭނުން ވަނީ ލީގު ތަށްޓާއެކު އުފާފާޅުކުރަން ކަމަށާއި، ރެއާލްގެ ހުރިހާ ފޯކަސްއެއް ހުރީ ބަޔާން ކަޓުވާލުމަށް ކަމަށެވެ.

ބަޔާން މެޗަކީ ސެމީ ފައިނަލެއްކަން ދަންނާނެ ކަމަށާއި، ބަޔާން މެޗުގައި ކަން ކުރަންވި ގޮތް ރެއާލްގެ ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭނެ ކަމަށް ރާމޯސް ބުންޏެވެ.

ރެއާލްއާއި ބަޔާން މިދިޔަ އަހަރުވެސް ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހިފައިވާ އިރު، ރެއާލްއިން ދެ ލެގު ކާމިޔާބުކުރީ އެގްރިގޭޓް 6-3 ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގު ސެމީ ދެވަނަ ލެގުގައި ބަޔާންއާއި ރެއާލް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.