01 May 2018, 12:21
ވޮޝިންޓަން (މޭ 1): ބަރަހަނާ ފިލްމު ކުޅޭ އެކްޓްރެސް، ސްޓެފަނީ ކްލިފޯޑުގެ އަބުރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރައިގަތް ކަމަށް ބުނެ، އެމައްސަލަ ކޯޓަށް ހުށަހަޅައިފި ކަމަށް ކްލިފޯޑުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ނަމުން ނަމަ، ސްޓޯމީ ޑޭނިއެލްސްގެ ނަން ކިޔާ އެކްޓްރެސް ވަނީ 2006 ވަނަ އަހަރު އޭނާ އާއި ޓްރަމްޕާ ދެމެދު ގާތް ގުޅުމެއް ބޭއްވި ކަމަށް ބުނެފަ އެވެ. އަދި އެގުޅުން ހާމަ ކުރި ފަހުން ފިރިހެނަކު ވަނީ ޓްރަމްޕާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ބުނެ، ޑޭނިއެލްސް އަށް އިންޒާރު ދީފައި ކަމަށް ބުނެފަ އެވެ.
އަދި އެއިންޒާރު ދިން މީހާގެ ކުރެހުމެއް ޑޭނިއެލްސް ވަނީ އާއްމުކޮށްފަ އެވެ.
ނަމަވެސް ރައީސް ޓްރަމްޕް ވަނީ ޑޭނިއެލްސްއާ ގުޅުމެއް ނުބާއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ މަހުގެ 18ގައި ކުރެއްވި ޓުވީޓެއްގައި ވަނީ އެކުރެހުމުގައި ވަނީ 'އަސްލު މީހެއް ނޫން' ކަމަށް ވިދާޅުވެފަ އެވެ.

ސްޓޯމީ ޑޭނިއެލްސް އާއި ވަކީލު -- ފޮޓޯ: އޭއެފްޕީ
ޓްރަމްޕާ ދެކޮޅަށް އަބުރަށް އަރައިގަތުމުގެ މައްސަލަ ހުށަހަޅަން ނިންމީ އެޓުވީޓުގެ ސަބަބުން ކަމަށް ޑޭނިއެލްސްގެ ވަކީލު ވިދާޅުވި އެވެ.
މީގެ ކުރިން ޑޭނިއެލްސް ވަނީ ޓްރަމްޕްގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ބުނާ އެއްބަސްވުމެއްގައި އޭނާ ލައްވާ ޓްރަމްޕްގެ ވަކީލު މައިކެލް ކޯއެން ސޮއި ކުރުވި ކަމަށް ބުނެފަ އެވެ. އަދި އެއީ ސައްހަ ނޫން އެއްބަސްވުމެއް ކަމަށް ބުނެ އެމައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން މިއަހަރުގެ ޖެނުއަރީ މަހު ރިޕޯޓު ކުރި ގޮތުގައި ޑޭނިއެލްސް އާއި ޓްރަމްޕްގެ ގުޅުން ބޭޒާރު ނުކުރާނެ ކަމުގެ މަތިން ކޯއެން ވަނީ ޑޭނިއެލްސް އަށް 130،000 ޑޮލަރު ދީފަ އެވެ.
އަދި ކޯއެން ވަނީ ޑޭނިއެލްސް އަށް އެފައިސާ ދިން ކަމަށް ފަހުން އެއްބަސްވެފަ އެވެ. ނަމަވެސް އެ ފައިސާ ދިން ސަބަބު ހާމަކޮށްފައި ނުވެ އެވެ.
އެފްބީއައިއިން ވަނީ މިދިޔަ މަހު ކޯއެން ދިރިއުޅުއްވާ ހޮޓަލާއި އޭނާގެ އޮފީސް ފާސްކޮށްފަ އެވެ. އަދި އެފްބީއައިއިން ގެންދިޔަ ތަކެތީގެ ތެރޭގައި ޑޭނިއެލްސްއަށް ދިން ފައިސާއާ ގުޅުން ހުރި ލިޔެކިޔުންތައް ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ. (ބީބީސީ)