ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ގޮނޑިއަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ޣައްސާނު މައުމޫން މި ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން ޣައްސާން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާފަރާއި ކާށިދޫގެ ވަރަށް ގިނަ ބޭފުޅުންގެ ފަރާތްޕުޅުން އޭނާ އަށް އެ ހުށަހެޅުން އަންނަ ކަމަށާއި އެކަމާ ދޭތެރޭ ވިސްނަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެކަން ފައިނަލްކޮށް ނިންމަވާނީ އެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވުމުން ކަމަށެވެ.

ޣައްސާން ވިދާޅުވި ގޮތުގައި މިހާރުގެ ކަންތައްތައް ހުރި ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި އެކަމުގައި އޭނާ ކުޑަވެސް ފަސްޖެހިވަޑައިގަތުމަކާ ނުލައި ގައުމަށް ހިދުމަތް ކުރެއްވުމަށް ހުންނެވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެކަމަށް ރަނގަޅު މަގަކަށް ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދު ދާއިރާގެ ގޮނޑި ފުރުއްވާ އިސްމާއީލު އަބްދުލްހަމީދުގެ މައްޗަށް ވަނީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެފަ އެވެ. ނަމަވެސް އަދި އިލެކްޝަންސް ކޮމިޝަނަކުން އެ ގޮނޑި ހުސްވި ކަމަކަށް އިއުލާނެއް ނުކުރެ އެވެ.