01 May 2018, 10:50
ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދަން އިންޑިއާ ކަނޑުގެ އަޑިން ހެދި އާ ސްކޭނުން ވެސް އެ ފްލައިޓުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފްލައިޓް ހޯދުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ އެމެރިކާގެ އޯޝަން އިންފިނިޓީއިން ބުނެފިއެވެ.
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފުލައިޓް ހޯދުމުގެ މަސައްކަތް އަލުން ފަށައިގެން ކުރަމުންދާ އެ ކުންފުނިން އިއްޔެ ބުނީ، މިހާތަނަށް އިންޑިއާ ކަނޑު އަޑީގެ ގާތްގަނޑަކަށް 80،000 އަކަ ކިލޯ މީޓަރު (31،000 އަކަ މޭލު)ގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި ފުލައިޓުގެ އެއްވެސް ބައެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.
އެހެންނަމަވެސް ފުލައިޓް ފެންނާނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެއެވެ.
މެލޭޝިއާ އެއާލައިންސްގެ ބޮއިން 777 މަރުކާގެ ޖެޓް މާޗް 8، 2014 ގައި ގެއްލުނީ ކުއާލަ ލަމްޕޫރުން ބެއިޖިންއަށް ދަތުރު ކުރަނިކޮށެވެ. ގެއްލުނުއިރު ބޯޓުން 239 މީހުން ދަތުރުކުރިއެވެ.
ކަނޑު އަޑި ބަލާ ހޯދުމުގެ ތަޖުރިބާކާރު އޯޝަން އިންފިނިޓީން އިއްޔެ ބުނީ، އޮސްޓްރޭލިއާގެ ހުޅަނގު ބޭރުން ފުލައިޓް ހޯދުމުގެ މަސައްކަތް ފެށިފަހުން ކޮންމެ ދުވަހަކު 1300 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އެ ބޯޓުން ސްކޭންކޮށް ބަލައިފައިވާ ކަމަށާއި އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ދިން ސަރަހައްދުގެ އެތެރެއާއި ބޭރު ވެސް ބަލަމުންދާ ކަމަށެވެ.
"އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ހޯދަމުންދާ ސަރަހައްދާއި އެ ސަރަހައްދުގެ އިތުރުގެ ހިސާބުތަކުން ވެސް މިހާތަނަށް އެމްއެޗް370 ގެ އެއްވެސް ނިޝާނެއް ފެނިފައެއް ނެތުމަކީ ލިބޭ މާޔޫސް ކަމެއް. އަދިވެސް ފުލައިޓް ހޯދުމަށް ވަގުތު އެބަ އޮތް،" އޯޝަން އިންފިނިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އޮލިވާ ޕުލެންކެޓް ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފްލައިޓް އެމްއެޗް370 ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދުގައި މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާއިން ވެސް މަސައްކަތް ކުރިއެވެ.
ނަމަވެސް 1،000 އަށްވުރެ ގިނަ ދުވަސް ވަންދެން އެ އޮޕަރޭޝަން ހިންގުމަށްފަހު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ.
އެ ފްލައިޓް ހޯދުމުގެ މަސައްކަތް އޯޝަން އިންފިނިޓީން މިހާރު ކުރަމުންދާއިރު، ފްލައިޓް ނުފެނިއްޖެ ނަމަ އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެއެވެ.