01 May 2018, 09:48
މެލޭޝިއާގެ ފުލުހުންނާ ގުޅޭގޮތުން އަސްލެއް ނެތް ދޮގު މައުލޫމާތު މީސް މީޑިއާގައި ފެތުރިކަމަށް ބުނެ، މެލޭޝިއާގައި ފާސްކުރި ދޮގު ހަބަރު ފަތުރާ މީހުންނަށް އަދަބު ދޭ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މީހަކަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
"އެންޓި ފޭކް ނިއުސް ބިލް"ގެ ނަމުގައި މެލޭޝިއާ ސަރުކާރުން މިދިޔަ މާޗް މަހުގެ ތެރޭގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ފާސްކުރި އެ ގާނޫނުގެ ދަށުން އިއްޔެ ހުކުމް ކޮށްފައިވަނީ ޑެންމާކަށް އުފަން ސަލާހް ސާލިމް ނަމަކަށް ކިޔާ 46 އަހަރުގެ މީހެއްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދޮގު ހަބަރު ފެތުރި ކަމުގެ ހުކުމް ކުރީ، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ފަލަސްތީނުގެ ލެކްޗަރާއެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ހާދިސާއާ ގުޅިގެން، އެ ހާދިސާ ހިނގި ސަރަހައްދަށް ފުުހުންނަށް ދެވުނީ އެ މައުލޫމާތު ދިންތާ 50 މިނެޓް ފަހުންކަމަށް ބުނެ ޔޫޓިއުބުގައި ޝާއިއުކުރި ވީޑިއޯ އަކާ ގުޅިގެންނެވެ.
ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް، އެގައުމުގެ ފުލުހުން ބުނީ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހިނގި އެ ހާދިސާއާ ގުޅިގެން، މައުލޫމާތު ލިބުނުތާ އެންމެ އަށް މިނެޓް ތެރޭގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ މައްސަލައަށް އިއުތިރާފުވެ ސުލައިމާން ބުނީ، އެފަދަ ވީޑިއޯއެއް ޝާއިއު ކުރެވުނީ ރުޅި އައިސްފައި ހުރެވުނު ވަގުތެއްގައި ކަމަށާއި އެއީ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.
"ކުށެއް ކުރެވުނު ކަމަށް އަހަރެން އެއްބަސްވަން... މެލޭޝިއާގެ ފުލުހުން އެކަންޏެއް ނޫން، ހުރިހާ ރައްޔިތުންގެ ފަރާތުން އަހަރެން މާފަށް އެދެން،" ކޯޓުގައި ސުލައިމާން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން، މައްސަލަ ބެއްލެވި ފަނޑިޔާރު ސުލައިމާންގެ މައްޗަށް ފުރަތަމަ ހުކުމް އިއްވީ 10000 ރިންގިޓް (2549 އެމެރިކާ ޑޮލަރު) ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ ދެއްކެމުގެ ގާބިލްކަން ނެތް ކަމަށް ސުލައިމާން ކޯޓުގައި ބުނުމުން، އޭނާގެ މައްޗަށް ފަހުން އިއްވީ އެއް މަސް ދުވަހަށް ޖަލު ހުކުމެކެވެ.
ފޭކް ނިއުސް ގާނޫނުގައި ބުނާ ގޮތުން ފޭކް ނިއުސް އަކީ، އެއްކޮށް ނުވަތަ ކޮންމެވެސް ވަރަކަށް ދޮގު މައުލޫމާތު ހިމެނޭ ހަބަރާއި ޑޭޓާ އާއި ރިޕޯޓުތަކެވެ.
އަދި އެކުށް ކުރާ މީހަކަށް ވަނީ އެއީ ދޮގު މައުލޫމާތުކަން އެނގި ހުރެ އެފަދަ ހަބަރު ހަދައި، ޝާއިއުކޮށް، ޕްރިންޓުކޮށް، ފެތުރުމުން ކަމަށް ބުނެފައިވާއިރު، އޭގެ ތެރޭގައި ބްލޮގްތަކާއި ޕަބްލިކް ފޯރަމްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ހިމެނޭނެ ކަމަށް އެ ގާނޫނުގައި ބުނެއެވެ.
އޭގެ އިތުރުން ފަތުރާ ދޮގު ހަބަރަކީ މެލޭޝިއާއާ ގުޅޭ ހަބަރެއް ނަމަ، އެމީހަކު އެގައުމުގައި ނުވަތަ ގައުމުން ބޭރުގައި ހުރި ނަމަވެސް އެމައްސަލަ ބެލޭނެ ކަމަށާއި އެހެންކަމުން އެ ގާނޫނުގެ ދަށުން ބޭރު މީހުންނަށް ވެސް މެލޭޝިއާގެ ކޯޓުތަކުގައި ހުކުމް ކުރެވޭނެ ބުނެފައިވެ އެވެ.