01 May 2018, 09:49
ކަރަންގެ ޖޯހަރްގެ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ ކާސްޓާ ބޮލީވުޑްގެ ކުރިއަރަމުން އަންނަ ފިރިހެން ބަތަލު ކުނާލް ކޭމޫ ވެސް ގުޅިއްޖެއެވެ.
ފިލްމުގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު ކާސްޓާ ގުޅުނުކަން އޭނަ ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ ފިލްމުގެ މަންޒަރުތަކެއް ޝޫޓްކޮށްފައެވެ. އަދި ފިލްމުގެ ޑައިރެކްޓަރު އަބީޝޭކް ވަރްމަން ހުރީ ކުނާލްގެ ފުރިހަމަ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހިފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރިންނަނީ ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެ އެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.
"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،" ޓްރޭޑް އެނަލިސްޓް ތަރަޝް ކުރިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ބޮޑު ކާސްޓަކާ އެކީ ފެނިގެންދާނެ ފުރިހަމަ ފިލްމެއް ކަމަށް ބެލެވެއެވެ.
ކުނާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރޯހިތު ޝެޓީގެ ފިލްމު "ގޯލްމާލް އަގައިން" އިންނެވެ.