02 Sep 2011, 19:36
ފުވައްމުލަކު "ބިޅިފޭށި" ސަރަޙައްދާއި، "ތޫނޑު" ސަރަޙައްދަކީ، ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ކަނޑައަޅުއްވައި، ގަރާރު ކުރައްވައިފި އެވެ. އެކަމުގެ ދެ ޤަރާރުގައި ރައީސް ނަޝީދު ސޮއި ކުރެއްވެވީ "ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ" މިނަމުގައި މިއަދު ހަވީރު ފުވައްމުލަކުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައެވެ.
މި ނިންމެވުން ރައީސް ނިންމެވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީ ފުވައްމުލަކުގެ އަތޮޅު ކައުންސިލުން ވެސް އެކަމަށް އެދި ގަރާރެއް ނެރުމާއެކު އެވެ.
ފުވައްމުލަކު އަތޮޅަށް ކަނޑަ އަޅުއްވާ އިއުލާން ކުރެއްވެވި ދެ ފަޅު ރަށަކީ ފުވައްމުލަކު އެއާޕޯޓުގެ އިރު ދެކުނުން އޮންނަ ބިމާއި ފުވައްމުލަކު ތުނޑީ ސަރަހައްދުގައި ސިޓީ ހޮޓާ އެޅުމަށް ނިންމާފައިވާ ބިމެވެ. އޭގެ ތެރެއިން އެއާ ޕޯޓް ސަރަހައްދުގެ ބިން ކަނޑައެޅީ "ބިޅިފޭށި" ރަށަށެވެ. ސިޓީ ހޮޓާ އަޅާ ބިން ކަނޑައެޅީ "ތޫނޑު" ރަށަށެވެ.
"އަޅުގަނޑު މި ނިންމަނީ މި އަތޮޅުގެ ވަކި ދެ ސަރަހައްދަކީ ވަކި ދެ ފަޅުރަށް ކަމަށް ކަނޑައަޅަން. ރާއްޖޭގެ އާންމު ގާނޫނުތައް މިކަން ކުރުމުގެ ރަނގަޅު އިޖުރާއަތެއް ސަރުކާރަށް ފޯރުކޮށްދީފައި އެބައޮތް. އޭގެ ތެރެއިން ރައީސުލް ޖުމްހުރިއްޔާއަށް ގާނޫނުގައިވާ ހުދޫދުގެ ތެރެއިން ގާނޫނުގައިވާ ހަމަތަކުގެ މަތިން ފަޅު ރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް ކަނޑއެޅުން އެބަ ލިބިދޭ އެހެންވީމާ ސަރުކާރުން ގަސްދު ކުރަނީ ފުވައްމުލަކުގެ ދެ ސަރަހައްދެއް ދެ ފަޅުރަށުގެ ގޮތުގައި ކަނޑައެޅުމަށް. މިއަދުގެ ފަހުން ނިމިގެންދާ އެންމެ މުހިންމު ނިންމުމަކީ މި އަތޮޅުގައި މިހާރު ދެ ފަޅުރަށް އެބަ އޮތްކަން،"
ރައީސް ވިދާޅުވީ މުލަކުގައި ސަރުކާރުން ކަނޑައެޅި ދެ ފަޅުރަށަކީ ޓޫރިޒަމްގެ މަސައްކަތަށް އަމާޒު ކުރެވޭނެ ދެ ފަޅުރަށް ކަމަށާއި މީގެ ތެރެއިން އެއް ރަށުގައި މިއަންނަ ހަފުތާގެ ތެރޭގައި ސަރުކާރުން އަޅާ ރިސޯޓް ގެ މަސައްކަތް ފަށާނެ ކަމަށެވެ. އެ ރިސޯޓުގެ މަސައްކަތް ނޮވެމްބަރު 11 އަށް ނިންމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ ފުވައްމުލަކުގެ ރައްޔިތުން ނުމެ އެކަމަށް މަސައްކަތް ކުރުމުން ވަރަށް ފަސޭހައިން އެއީ ވާނެ ކަމެއްކަން. އަޅުގަނޑެއް ނުދެކެން ރާއްޖޭގައި ރިސޯޓެއް ހަދާތަނެއް މިރަށުގެ ރައްޔިތުން ނުލައެއް. މިރަށުގެ ރައްޔިތުން އެއްބައި ކިޔާފައި ނުކުމެ އެ މަސައްކަތް ކޮށްފިނަމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ މަސައްކަތަކީ ދާދި އަވަހަށް ދެ ހަފުތާ ތެރޭގައި ނިންމާލެލެވިދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުރެއްވި )މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް( ވެސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރެއްވެވި އެވެ. ބިލު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފަ އެވެ.