01 May 2018, 09:52
ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމުގެ މަގާމު ބަރޯސާ ވަނީ ޗެމްޕިއަންސް ލީގުގެ ތަށްޓަށް ނޫން ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލަގުގައި މިރޭ ރެއާލްއިން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަ އިރު، އެ ދެޓީމު ވާދަކުރި ފުރަތަމަ ލެގުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
މިރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލްގެ ކޯޗު ކަމުގެ މަގާމުގައި އޭނާ ހުރުމާއި، ޗެމްޕިއަންސް ލީގު ހޯދުމަކީ ގުޅުމެއް ނެތް ކަމެއް ކަމަށެވެ.
ޖެހިޖެހިގެން މިދިޔަ ދެ އަހަރުވެސް ރެއާލްއިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ޒިދާންގެ ކޯޗު ކަމުގައެވެ. ޒިދާންގެ ކޯޗު ކަމުގެ ފުރަތަމަ އަހަރުގައި ރެއާލްއާއެކު ލީގު ކާމިޔާބުކުރި ނަމަވެސް މިއަހަރު ލީގުގައި ރެއާލް ފެނުނީ ދަށްކޮށެވެ.
ޒިދާން ބުނީ ޗެމްޕިއަންސް ލީގަކީ އެންމެނަށްވެސް އެންމެ މުހިއްމު މުބާރާތް ކަމަށާއި، ރެއާލްގެ ހުރިހާ ކުޅުންތެރިންވެސް މިވަގުތު ފޯކަސް ހުރީ ޗެމްޕިއަންސް ލީގަށް ކަމަށެވެ. އަދި ރެއާލްގެ ކޯޗުގެ މަގާމުވެސް ދޫކޮށްލުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށާއި، އެއީ މިވަގުތު ދައްކަންވީ ވާހަކައެއް ނޫން ކަމަށްވެސް ޒިދާން ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ބަޔާންއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އާރްޔެން ރޮބެންއަށް އަނިޔާވެފައިވާ އިރު، މިޑްފީލްޑަރު ވިޑާލްވެސް ހުރީ އަނިޔާގައެވެ. ލީގުގައި ބަޔާން ކުޅުނު މެޗުގައި ޑޭވިޑް އަލަބާ އަދި ހަވީ މާޓިނޭޒް ނުފެނުނު ނަމަވެސް މިރޭގެ މެޗަށް އެ ދެ ކުޅުންތެރިންވެސް ފިޓްވާނެ ކަމަށް ބެލެވެއެވެ.
ޒިދާން ބުނީ މިރޭގެ މެޗަށް ނުކުންނާނީ ކުރީ މެޗުން ފެނުނު ގޯސްތައް ރަނގަޅު ކުރަން ކަމަށާއި، އެ މެޗުގައި ރެއާލްގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅުގައި ގޯލެއް ޖަހަން ވިސްނާނެ ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.
ރެއާލްއާއި ބަޔާން މިދިޔަ އަހަރުވެސް ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހިފައިވާ އިރު، ރެއާލްއިން ދެ ލެގު ކާމިޔާބުކުރީ އެގްރިގޭޓް 6-3 ގެ ނަތީޖާއަކުންނެވެ.
ޗެމްޕިއަންސް ލީގު ސެމީ ދެވަނަ ލެގުގައި ބަޔާންއާއި ރެއާލް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.