ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގައި ބޮޑު ތަފާތަކުން ޕްރިޒަން ކްލަބު ބަލިކޮށް، 'ގްރޫޕް އޭ'ގެ އެއްވަނައަށް ޒެނިތު ސްޕޯޓްސް ކްލަބު ޖެހިލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ޕްރިޒަން ކްލަބު އަތުން ޒެނިތު މޮޅުވީ 16-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޝަހުލާ ތައުފީގު ވަނީ ޒެނިތަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ. ޒެނިތަށް އައިޝަތު ސަމާއާއި ހައްވާ ހަނީފާ، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމަށް މަރިޔަމް މިރުފަތު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޒެނިތަށް އައިޝަތު އަބްދުލް ރައްޒާގު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ޕްރިޒަން ކްލަބުގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ޝާޒްލީން މުހައްމަދެވެ.

އެ ގްރޫޕުގައި ރޭ އެފްސީ ރަނިންއާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ކުޅެން ހަމަޖެހުނު މެޗު، އެފްސީ ރަނިން ދޫކޮށްލުމާ ގުޅިގެން 2-0ގެ ނަތީޖާއަކުން ޑީއެސްސީ މޮޅުވީ ކަމަށް ވަނީ ނިންމައިފައެވެ.

ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޒެނިތަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ޑީއެސްސީއާއި ޕްރިޒަން ކްލަބަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އެފްސީ ރަނިންއަށް ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފަސް މެޗެއް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު އަންހެން ޑިވިޝަންގެ އެއް މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، މިރޭ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕްގައި މިއަދު ކުޅޭ އަންހެން ޑިވިޝަންގެ މެޗުތައް:

17:00 އުރީދޫ ޓީމް - ލޭޑީ ލަކް (ގަރައުންޑް 2)

20:00 ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބު - ވިމެންސް ފުޓްބޯލް ކްލަބު (ގްރައުންޑް 1)

20:00 ޔޫތު ސިޓީ ވިމެންސް - ޓީމް ފްރެންޑްސް (ގްރައުންޑް 2)

21:00 ކަނބަލުން - ޓީމް ފިސާރި (ގްރައުންޑް 1)

21:00 އެން3 ކަނބަލުން - އެން2 ކަނބަލުން (ގްރައުންޑް 2)