01 May 2018, 08:53
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ކޮންފެރޭ ސްޕޯޓްސް ކްލަބު އަތުން ޑީ ސީ ޖޭ އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ކޮންފޭރޭ އަތުން ޑީ ސީ ޖޭ މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ޑީ ސީ ޖޭ އިން ޖެހި ހަ ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު މިދުހަތު މަހްމޫދާއި ފާތިހު އަބްދުލް އަޒީޒް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިހުސާން ޖަލީލާއި އިބްރާހިމް ރިއްފަތެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެޕޮކަލިޕްސް އަތުން އެލް ވިއޯލާ ވަނީ 2-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި އެލް ވިއޯލާއިން ޖެހި ދެ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިސްމާއިލް ނާޝިދާއި މުހައްމަދު މުސްލިހެވެ.
ވާދަވެރި ކުޅުމަކަށްފަހު އެފްސީ ބަނާނާ އަތުން ކޮލެޖް ފްރެންޑްސް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ކޮލެޖް ފްރެންޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ރިލްވާނާއި މާލިކް އަބްދުލް ޒަފޫރް އަދި އިބްރާހިމް ޝިމާޒެވެ. އެފްސީ ބަނާނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ފާރިސްއާއި އަބްދުﷲ ރިމާހެވެ.
ލާމު ޔޫތު ކްލަބު (އެލްވައިސީ)އާ ވާދަކޮށް، ޕާކް އިން މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޕާކް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ޝައިހާން ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ފަހުމީއާއި އަލީ ސިނާހުއެވެ. އެލްވައިސީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ހަމްދޫނެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ ފަހު މެޗުތައް މިއަދު ކުރިއަށްދާނެއެވެ. މިއަދު ހެނދުނު ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަދު ހަވީރު ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މެޗުތަކަށްފަހު ދެވަނަ ބުރުގެ މެޗުތައް މާދަމާ ފަށާނެއެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.