Back
Nov 23, 2025 SUN
SUN

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އައްޔަންކުރި ގާޒީން ހުވާކޮށްފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އައްޔަންކުރި ގާޒީން ހުވާކޮށްފި
Lead photo

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުން ހުވާކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް އިސްމާއިލް ރަޝީދެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރައްވާފައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގައި ހުންނެވި ހުސައިން ފާއިޒު ރަޝާދު އާއި ގދ. ފަރެސްމާތޮޑާ މުޝްތަރީގެ، ހާފިޒާ އަބްދުއް ސައްތާރެވެ.

އެ ބޭފުޅުންނަށް ގާޒީ ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ. އަދި މަގާމުގެ ފަތްކޮޅު އެބޭފުޅުންނަށް އެރުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އަލަށް އައްޔަން ކުރެއްވި ހަސަން ނަޖީބަށް ގާޒީ ކަމުގެ ލިޔުން ހަވާލު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ އައްޔަންކުރި ދެ ގާޒީންނާ އެކު ޖުމްލަ ނުވަ ގާޒީން މިހާރު ކްރިމިނަލް ކޯޓުގައި ތިއްބަވާނެއެވެ. އަދި މިރޭ ސިވިލް ކޯޓަށް އައްޔަން ކުރި ދެ ގާޒީންނާއެކު ޖުމްލަ 15 ގާޒީން އެ ކޯޓުގައި ތިއްބަވާނެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރައާއި އިނާޔަތްތަކާ އެކު ޖުމްލަ 48،000 ރުފިޔާ ލިބެއެވެ. އަދި ސިވިލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާއެކު 46،000 ރުފިޔާ ލިބޭނެއެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް އަލަށް އައްޔަން ކުރެއްވި ހާފިޒާ މަގާމުގެ ލިޔުމުގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުވާކުރުމަށް މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics