ޏ. ފުވައްމަލުގެ އެއާޕޯޓާއި ޓޫރިސްޓު ހޮޓާ ނިންމައި ނޮވެމްބަރު މަހު އެ އަތޮޅުގެ ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ފުވައްމުލަކުގެ ތަރައްގީގައި ސާކުގެ ހިއްސާ" މި ނަމުގައި މިއަދު ފުވައްމުލަކުގައި ބޭއްވި ޖަލްސާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭ އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގަތް ކޮންމެ ފަހަރަކު ވެސް ފުވައްމުލަކުގެ ރައްޔިތުންގެ ވާހަކައަކަށް ވެފައި އޮތީ އެއާޕޯޓްގެ ޝަކުވާ ކަމަށެވެ.

"... ސާދާ ބަހުން އޮޅުމެއް ނެތް ގޮތަށް ފާރުތަކުގައި ލިފައިވަނީ އެވާހަކަ. މިރަށުގެ ޒުވާނުން ބުނަނީ މަގެއް ވެސް ބޭނުމެއް ނޫނޭ ނަރުދަމާއެއް ވެސް ފެނެއްވެސް ބޭނުމެއް ނެތޭ، ބޭހާއި ތައުލީމެއް ވެސް ބޭނުމެއް ނެތޭ ބޭނުމީ އެއާޕޯޓެކޭ. އަޅުގަނޑަށް ވިސްނުނީ އެއީ ވަރަށް ބޮޑު ތެދެކޭ ބޭނުމީ ތަރައްގީއޭ. ބޭނުމީ ގުޅުމޭ ފުވައްމުލަކީ އެކަހަރިން އޮތް ރަށެކޭ މިރަށާއި ރާއްޖެއާ ވަރަށް ބޮޑަށް ގުޅުމަށް މިރަށު މީހުން އެދޭނެ ކަމީ އަޅުގަނޑުމެނަށް ބިޔާދު އަތޮޅު ނުވަތަ މާލެ އަތޮޅު މީހުންނަށް ދެނެގަންނަން ނުވަތަ ސާފުވާން އުނދަގޫ ކަމަކަށް ވެދާނެ،"

ރައީސް ވިދާޅުވީ ފުވައްމުލަކުގެ އެއާޕޯޓްގެ މަސައްކަތް ދަނީ ބާރަށް ކުރިޔަށް ކަމަށާއި އެސްޓީއޯގެ ފަރާތުން ކޮންޓްރެކްޓާ ހަވާލުވެފައިވާ ހުރިހާ ފަރާތްތަކަކުން އެއާޕޯޓުގެ މަސައްކަތް ކުރިޔަށް އޮތް ނޮވެމްބަރު 11 އަށް ނިންމޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. އަދި އެ ދުވަހު ފުވައްމުލަކު އެއާޕޯޓް ހުޅުވައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކުގައި އެއާޕޯޓް ހެދުމުން މާލެއާއި ފުވައްމުލަކާ ދެމެދު ހަފުތާއަކު ދަތުރުކުރާ 30 ހަކަށް މީހުން ގެ ދަތުރުތަކުން އެއާޕޯޓް ހިންގާނެ ފައިސާ ހޯދޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި ތަރައްގީގައި ބަލަންޖެހޭނީ ދެމެހެއްޓެނެވި ތަރައްގީ އަށް ކަމަށެވެ. އެއާޕޯޓް ވާން ޖެހޭނީ ދެކޮޅު ޖެހޭ ވަށައިޖެހޭ މަސައްކަތަކަށް ކަމަށެވެ. ކުރެވޭ ހަރަދު ކިތަންމެ ފަހުންނަމަވެސް އަނބުރާ ލިބެންޖެހޭނެ ކަމަށެވެ.

"އެއާޕޯޓުގެ ހަރަދު ދެކޮޅު ޖެއްސުމަށް ސަރުކާރުން މިހާރު ވިސްނާފައި ވަނީ މި ރަށުގައި ސަރުކާރުން ޓޫރިސްޓް ހޮޓަލެއް އަޅަން. އެ ހޮޓާ ހިންގުން ބަޔަކާ ހަވާލުކޮށްގެން ޓޫރިސްޓުން ގެނައުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ސަރުކާރުން ސީދާ ބައިވެރިވެގެން ކުރަން. ސަރުކާރުގެ ވިސްނުމަކީ އެއާޕޯޓާއި މިދެންނެވި ހޮޓާއި ފުވައްމުލަކުގެ ރައްޔިތުންނާ ނޮވެމްބަރު 10 ވަނަ ދުވަހު ހަވާލުކުރުން. ސަރުކާރުގެ އަމާޒަކީ އާޕޯޓް ވެސް ހޮޓާ ވެސް ހަވާލުކުރުން މާލޭގައި ތިބެގެން އަޅުގަނޑުމެން އެއަށް އަތްލައި ގޮތް ކިޔައި ފައިދާ ހޯދާކަށް ބޭނުމެއް ނޫން. ތިބޭފުޅުންގެ ތަރައްގީއަށް އެކަން ބޭނުން ކުރެވުނީމާ މުޅި ރާއްޖޭއަށް ފައިދާވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓްގެ ހަރަދު ދެކޮޅު ޖެއްސުމަށް ކުރެވެން ހުރި ކިތައްމެ ކަމެއް ފުވައްމުލަކުގެ މާހައުލާއި ގުދުރަތީ ވަސީލަތްތަކުން ފެންނަ ކަމަށެވެ. އެ ގޮތުން އެއާޕޯޓަކީ އަވަހަށް ދަތުރު ކުރާ، ދަތުރުފަތުރުގެ ނިޒާމު ކަމަށާއި ފުވައްމުލަކުގައި ހެދޭ މާމެލާމެއްޔާއި ގަސްގަހާގެއްސާއި އެރަށުގައި އުފައްދާ އަވަހާ ހަލާކުވާ ބާވަތްތައް ވެސް މާލެއަށް ގެންދިއުމަށް ފަހިވެގެންދާނެ ކަމަށެވެ. އެފަދަ ވިޔަފާރިތައް ތަރައްގީވާނެ ފުރުސަތުތަކަށް ސަރުކާރުން އެއްބާރުލުން ދީ އެކަން ކަން ކޮށްދިނުމަށް އެކޮނޮމިކް މިނިސްޓަރީ އާއި ފުވައްމުލަކު އަތޮޅު ކައުންސިލުގައި ރައީސް އެދިވަޑައިގެންނެވި އެވެ.

މިއަދު އޮތް ޖަލްސާގައި ފުވައްމުލަކާއި އައްޑު އަތޮޅު އޮތް ސަރަހައްދަށް ބޭރު ގައުމުގެ ތަކުގެ ސަމާލުކަން ހޯދުމާ ބެހޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކަކީ އިންޑިޔާ ކަނޑުގައި އޮތް އާދަޔާ ހިލާފު ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެއް ކަމަށާއި ފުވައްމުލައް ގުޅެންވީ ހަމައެކަނި އައްޑު އަތޮޅާއި ތިލަދުންމައްޗާ މާލެ އަތޮޅު ނޫން ކަމަށެވެ.

"ފުވައްމުލަކު ގުޅެންވީ ސީޝެލްސްއާ ވެސް ފުވައްމުލައް ގުޅެންވީ މޮރިސަޝްއާ ވެސް ފުވައްމުލަކު ގުޅެންވީ ފޯޅަވައްސާ ވެސް. މި ސަރަހައްދު ތަރައްގީ ކުރުމުގެ ވިސްނުން ގެނައުމަށްޓަކައި ސަރުކާރަށް އެންމެ ފުރަތަމަ ފާހަގަ ކުރެވެނީ ދުނިޔޭގެ ނަޒަރިއްޔާތު އައްޑު އަތޮޅަށާއި ފުވައްމުލަކަށް އަނެއްކާވެސް ހުއްޓޭން އެބަޖެހޭ ކަމަށް. ދެވަނަ ބޮޑު ހަނގުރާމައިގެ ހޫނުގައި އައްޑު އަތޮޅަށް ދުނިޔޭގެ ނަޒަރިއްޔާތު ހުއްޓިފައި އޮތް. އޭރުގައި ފުވައްމުލަކުގައި ވެސް އަދި މި ސަރަހައްދުގައި ވެސް އިންވެސްޓް ކުރާނެ ވިޔަފާރިވެރިންނާއި އެކިއެކި ފަރާތް ޝައުގުވެރިކަން ފާޅު ކުރަމުން ގެންދިޔަ އެހެންނަމަވެސް ދުނިޔެއަށް ދިމާވި ގޮތް ފިނި ހަނގުރާމައާއެކީ އަނެއްކާ ވެސް އަޅުގަނޑުމެންގެ ޖަޒީރާތައް ފަނޑުވެ ހަނދާން ނެތި ދިޔައީ،" ރައީސް ވިދާޅުވި އެވެ. "ސަރުކާރުގެ އަމާޒަކީ ސާކް ސަމިޓް މި ސަރަހައްދުގައި ބާއްވާ މި ސަރައްހައްދަށް މި ދެކުނު އޭޝިޔާގެ ނަޒަރިއްޔާތު ގެނައުން އަޅުގަނޑު ދެކެނީ ސާކް ސަމިޓާއެކު މަދުވެގެން 2000 އެއްހާ ބޭރު މީނުން އައްޑުއާއި މުލަކަށް ޒިޔާރަތް ކުރާނެ ކަމަށް. އޭގެ ތެރޭގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިންޑިޔާއިން އެކަނިވެސް ނޫސްވެރިން ގޮތުގައި 200 އަށް ވުރެ ގިން މީހުން އަންނާން ބޭނުންވޭ. އެކި ޖަމިއްޔާތަކާއި ވިޔަފާރި ކުންފުނިތަކާއި އެކިކި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި އެނޫންވެސް މި ސަރަހައްދުގައި ހިނގާ އެންމެހާ ކަންތައްތައް އަޅުގަނޑުމެނަށް މިސަރަހައްދާ ގެނެވޭނެ،"

ރައީސް ވިދާޅުވީ ސާކް ސަމިޓާއެކު ޔޫރަޕްގެ ޖަމާއަތްކާއި އެހެނިހެން ގައުމުގެ ވީހާވެސް ގިނަ ހާރިޖީ ވަޒީރުންނާއި މާލީ އިދާރާތަކާއި ޖަމިއްޔާތައް ފުވައް މުލައްކާއި އައްޑުއަށް ގެންދާނެ ކަމަށާއި އޭގެ ބޭނުމަކީ މުލައްކާއި އައްޑު އަތޮޅުގެ ފުރުސަތުތައް ހުޅުވާލައި ދުނިޔޭގެ އެންމެނަށް މުލަކީ ކޮންތަނެއް ކަމާއި މުލަކުން ކުރެވޭނެ ކަންކަން ސާފުކޮށް ދިނުން ކަމަށެވެ.