30 Apr 2018, 23:21
ތެހެރާން(އެޕްރީލް 30): އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ކުރިން ޔޫރޭނިޔަމް ފައްކާކުރި މިންވަރަށްވުރެ މަތީ ފެންވަރަކަށް ޔޫރޭނިޔަމް ފައްކާކުރާނެކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާގެ ވެރިޔާ އަލީ އަކްބަރު ސާލިޙީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ މަތީފެންވަރަކަށް ޔޫރޭނިޔަމް ފައްކާކުރުމަށް އީރާން ނިންމާފައިވާކަމުގައެވެ. ނަމަވެސް އެއީ ކިހާވަރެއްގެ އިންސައްތައެއްކަން ސާލިޙީ ހާމަކުރައްވާފައެއް ނުވެއެވެ.
އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް އެމެރިކާ ބޭނުންވާ ބަދަލުތައް ނުގެނެސްފިނަމަ އެ އެއްބަސްވުމުން އެމެރިކާ ވަކިވާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެތަށްފަހަރަކު ދެއްވާފައެވެ. މޭމަހުގެ ބާރަ ވަނަ ދުވަހުގެ ކުރިން މިކަމާބެހޭގޮތުން ގޮތެއް ނިންމާނެކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ޓްރަޕްގެ މި ވާހަކަ ތަކުގެ ފަހަތުގައިވަނީ އިސްރާއީލާއި އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކެވެ.
އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ އެކަމުގެ ރައްދުގައި އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާއިން ވަކިވުން ހިމެނޭނެކަން އީރާނުންވަނީ ހާމަކޮށްފައެވެ. ނިއުކްލިޔަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އީރާން ގެންދިޔައީ ވިހި އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ އެއްބަސްވުމަށްފަހު އެއަށް ތަބާވުމުގެ ގޮތުން އީރާނުން ޔޫރޭނިޔަމް މިހާރު ފައްކާކުރަނީ އެންމެ ފަހެއް އިންސައްތައަށެވެ. އެއީ ކަރަންޓް އުފައްދާ ނިއުކްލިޔަރ އިންޖީނުގެތަކަށް ބޭނުންކުރެވޭ މިންވަރެވެ. ނިއުކްލިޔަރ ބޮން އުފެއްދުމަށް އަށްޑިހަ އިން ސައްތައަށްވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާކުރަން ޖެހެއެވެ.
ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވެއްޖެ ނަމަ އެގައުމުގެ ނިއުކްލިޔާ ހަރަކާތްތައް ބަލައި ޗެކްކުރުމުގެ ހުރިހާ ހައްގުތަކެއް އދ. އަށް ގެއްލިގެންދާނެއެވެ. އޭރުން އީރާނުން ނިއުކްލިޔަރ ބޮމެއް އުފެއްދި ނަމަވެސް އެކަން އެނގޭނެ ގޮތެއްވެސް އދ.ގެ ކަމާބެހޭ އިދާރާ އަކަށް ނޯންނާނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ނުދޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާއާއި އިސްރާއީލުން އެތަށް ފަހަރަކު ދީފައިވެއެވެ. އީރާނަށް އެކި ގޮތްގޮތުން އެމެރިކާ ކުރިމަތި ކުރާ ފިއްތުންތަކާއި ދައްކަމުން ގެންދާ ބިރުތަކުގެ ފަހަތުގައިވަނީ އިސްރާއީލެވެ.
އިސްރާއީލަކީ މެދުއިރުމަތިން ނައްތާލަންޖެހޭ ކެންސަރު ސެލްއެއް ފަދަ ޣައިރު ގާނޫނީ ގައުމެއްކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދެއެވެ. އަދި އެތަށް ފަހަރަކު އިސްރާއީލުން ހަނގުރާމަކޮށްގެން ބަލިކޮށް ނުލެވުނު ފަލަސްތީނުގެ ޙަމާސް ޖަމާއަތާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އަސްކަރީ ގޮތުން މަދަދުދީ އެދެ ޖަމާއަތުގެ ފަހަތުގައި އޮންނަ ގައުމަކީ އީރާނެވެ.
އީރާންދެކެ އެމެރިކާއާއި އިސްރާއީލު ރުޅިއަންނަނީ މިސަބަބުތަކާ ގުޅިގެންނެވެ. އީރާނުން މެދުއިރުމައްޗަށް ބާރާއި ނުފޫޒު ފޯރުވާކަމަށް އެމެރިކާ ތުހުމަތު ކުރަނީވެސް ހަމާސް އާއި ހިޒްބުﷲ އަށް އީރާނުން ވާގިވެރިވާތީއެވެ. އަރަބި ގައުމުތަށް ފަދައިން އީރާނުންވެސް އިސްރާއީލާ އިދިކޮޅު ސިޔާސަތުތައް ބަދަލުކޮށް އިސްރާއީލާމެދު މައިތިރި ސިޔާސަތެއް ގެންގުޅެން ފަށައިފިނަމަ އީރާނާ ދެކޮޅަށް އެމެރިކާ ކުރިމަތިކުރަމުން ގެންދާ ހުރިހާ ފިއްތުންތަކެއް މުޅިން ނިމުމަކަށް އަންނާނެއެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ ސިޔާސަތުތަކުގެ މައިގަނޑު އަމާޒަކީ އިސްރާއީލު ރައްކާތެރިކޮށް ދީ އިސްރާއީލު ހިމާޔަތް ކުރުމެވެ. (ނޫސްއެޖެންސީތައް)