30 Apr 2018, 21:24
ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)އަށް 2017 ވަނަ އަހަރު ފައިދާގެ ގޮތުގައި 898 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުން އާންމުކޮށްފައިވާ، އެކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެކުންފުންޏަށް މިދިޔަ އަހަރު 2.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 119 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ. ނުވަތަ 4.8 ޕަސަންޓުގެ ކުރިއެރުމެކެވެ.
ދިރާގުން ބުނީ އާމްދަނީ އިތުރުވީ މޯބައިލާއި ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން އެހެނިހެން ޚިދުމަތްތަކުގެ ވިޔަފާރި އިތުރުވެގެން ކަމަށެވެ.
"ކަސްޓަމަރުންގެ އަދަދާއި، ހައި ސްޕީޑު ބްރޯޑްބޭންޑަށް އޮތް ޑިމާންޑު އިތުރުވުމުގެ އިތުރުން ވެލިއު އެޑެޑް އާ ޚިދުމަތްތަކެއް ތައާރަފުކުރުން ފަދަ ކަންކަމާ އެކު އާމްދަނީ އިތުރުވެގެން ދިޔައީ،" ދިރާގުން ބުންޏެވެ.
ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު މާލީ ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 898 މިލިޔަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރު ލިބުނު 840 މިލިޔަން ރުފިޔާގެ ފައިދާއާ އަޅާ ބަލާއިރު 4.8 ޕަސަންޓުގެ ކުރިއެރުމެކެވެ.
ދިރާގުން ބުނި ގޮތުގައި، ފުލް އިޔާ ޑިވިޑެންޑްގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުންނަށް ބަހާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހަޅަނީ 11.81 ރުފިޔާ ކަމަށެވެ. އެއީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް ބަހާފައިވާ 5.96 ރުފިޔާގެ އިތުރުން، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ބަހަން ހުށަހަޅާ 5.85 ރުފިޔާއެވެ.
މި އަދަދަކީ ދިރާގުގެ ސާފު ފައިދާއިން ހިއްސާއަކަށް ޖެހޭ މިންވަރުގެ ސައްތައިން ސައްތަ އަދަދެވެ. ދިރާގުން ބުނީ އެގޮތަށް ނިންމީ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ފައިދާއެއް ވެ، އަދި ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ބެހުމުގެ ނިޔަތުގައި ކަމަށެވެ.