30 Apr 2018, 21:13
ދިރާގު ޕލކގެ އަހަރީ އާންމު ޖަލްސާ، މެއި 14 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައި، އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާންމުކޮށްފިއެވެ.
ދިރާގުގެ 29 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ މެއި 14 ވާ ހޯމަ ދުވަހުގެ ރޭ 8:30 ގައި، ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
އެ ޖަލްސާގައި، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުން އޮންނާނެއެވެ.
އޭގެ އިތުރުން ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އަލުން ހަމަޖެއްސުމަށާއި، ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރެއް ހަމަޖެއްސުމާއި، 2017 ވަނަ އަހަރުގެ ފުލް ޑިވިޑެންޑާއި ފައިނަލް ޑިވިޑެންޑް ފާސްކުރުން ހިމެނެއެވެ.
ދިރާގުން 2017 ވަނަ އަހަރުގެ ފައިދާއިން އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 452,960,000 ރުފިޔާ ބަހާފައިވެއެވެ. އެއީ ހިއްސާއަކަށް 5.96 ރުފިޔާއެވެ. ދިރާގުން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ހުށަހަޅަން ނިންމާފައިވަނީ 444،600،000 ރުފިޔާ، ނުވަތަ ހިއްސާއަކަށް 5.85 ރުފިޔާއެވެ. އެއީ ފުލް އިޔާ ޑިވިޑެންޑްގެ ގޮތުން ހިއްސާގެ ފައިދާގެ ގޮތުގައި 897،560،000 ރުފިޔާ، ނުވަތަ ހިއްސާއަކަށް 11.81 ރުފިޔާއެވެ.
މެއި 14 ވަނަ ދުވަހުގެ ރޭ އޮންނަ އަހަރީ އާންމު ޖަލްސާގައި، 2018 ވަނަ އަހަރުވެސް އިންޓަރިމް ޑިވިޑެންޑު ބެހުމާ މެދު ގޮތެއް ކަނޑައެޅުން އޮންނާނެއެވެ.
ދިރާގަށް މިދިޔަ އަހަރު 2.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 4.8 ޕަސަންޓުގެ ކުރިއެރުމެކެވެ. ޓެކްސް ކެނޑުމަށްފަހު އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 898 މިލިޔަން ރުފިޔާއެވެ. އެއީ މިހާތަނަށް ދިރާގަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ. އަދި އެއީ 2016 ވަނަ އަހަރުގެ ފައިދާއާ އަޅާ ބަލާއިރު 6.9 ޕަސަންޓުގެ ކުރިއެރުމެކެވެ.
ދިރާގަކީ ބަހުރައިންގެ ބަޓެލްކޯގެ 52 ޕަސަންޓު ހިއްސާ، ދިވެހި ސަރުކާރުގެ 41.8 ޕަސަންޓު ހިއްސާ އަދި އާންމުންގެ 6.2 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.