30 Apr 2018, 20:09
މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ފ. ނިލަންދުއާއި ށ. ފޯކައިދޫން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަަށަވަރުކޮށްފިއެވެ.
މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ. މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ނިލަންދުއާއި ފޯކައިދޫން ވަނީ މިނިވަން ޗެމްޕިއަންޝިޕް ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފައެވެ.
ނިލަންދޫން ސެމީގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު އަމިއްލަ ރަށުގައި ގދ. ހޯނޑެއްދުއާ ދެކޮޅަށް ކުޅުނު ގްރޫޕް އެކެއްގެ މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުން ނިލަންދޫ މޮޅުވީ 8-2ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގައި ނިލަންދޫގެ ހުސައިން އިބްތިޝާމް ހެޓްރިކެއް ފުރިހަމަކުރި އިރު، އެޓީމުގެ އާދިލް އަލީ ދެ ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ފުރުގާން (ފުގޭ)އާއި، ފްރެޑުއާ އަގްޔެމަންގް އަދި އަބްދުލް ބާސިތެވެ. ހޯނޑެއްދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ޒައިދު މުހައްމަދު ނައީމާއި ޝިނާޒް މުހައްމަދެވެ.
ފޯކައިދޫން ސެމީގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު އަމިއްލަ ރަށުގައި ހއ. މުރައިދުއާ ދެކޮޅަށް ކުޅުނު ގްރޫޕް ދޭއްގެ މެޗު ކާމިޔާބުކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު، ފޯކައިދޫން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ފޯކައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނަދީމާއި ހުސައިން ސޮބާހް އަދި މުހައްމަދު ފާރިޝް އިބްރާހީމެވެ. މެޗުގައި މުރައިދޫން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އިކުވާނެވެ.
ގްރޫޕް އެކެއްގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ނިލަންދުއަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ތ. ތިމަރަފުއްޓަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސ. ހިތަދުއާއި ހަތަރު ވަނައިގައި އޮތް ދ. ކުޑަހުވަދުއަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، އޭގެ ތެރެއިން ހިތަދުއަށް ބާކީ އެއް މެޗު އެބައޮތެވެ. ގްރޫޕުގެ ފުލުގައި ނިންމާލި ހޯނޑެއްދުއަށް ހަތަރު މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގްރޫޕް ދޭއްގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ފޯކައިދުއަށް ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އއ. މާޅޮހަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބ. ފެހެންދުއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް މުރައިދުއަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އދ. ފެންފުއްޓަށް ތިން މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ސެމީގެ ޖާގަތައް ހޯދައި، ނިލަންދުއާއި ފޯކައިދުއާއެކު ޕްރިމިއާ ލީގުން ޖާގަ ހޯދާ ދެ ޓީމު ކަށަވަރުވާނީ މާދަމާ ކުޅޭ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހުއެވެ. މާދަމާ ހަވީރު ތ. ތިމަރަފުއްޓާއި ސ. ހިތަދޫ ބައްދަލުކުރާ އިރު، އދ. ފެންފުއްޓާ ދެކޮޅަށް ބ. ފެހެންދޫ ނުކުންނާނެއެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި އަންނަ ހޮނިހިރު ދުވަހެވެ.