30 Apr 2018, 19:54
ފަސޭހައިން ބިލު ދައްކާލެވޭ ސޮފްޓްވެއާއެއް ފެނަކައިން ތައާރަފްކޮށްފިއެވެ.
މިއީ އެކުންފުނިން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހިންގަމުން ގެންދާ ޚާއްސަ މަޝްރޫއުގެ ދަށުން ފެނަކައިގައި މިހާތަނަށް ބޭނުންކުރަމުން އައި ބިލިންގް ސޮފްޓްވެއާގެ ބަދަލުގައި ތައާރަފު ކުރި އާ ސޮފްޓްވެއާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ސޮފްޓްވެއަރ ޑިވޮލަޕް ކޮށްފައިވަނީ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.
މިއަދު ޝީ ބިލްޑިންގްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާހްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި މިހާރު އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްޢާން އެވެ.
މި ސޮފްޓްވެއާ އާ ގުޅޭގޮތުން ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ މިއަދު ތައާރަފްކުރި ސޮފްޓްވެއާ އާއި އެޕްލިކޭޝަން އާއެކު ބިލު ދެއްކުން ފަސޭހަވެގެންދާނެ ކަމަށެވެ.
"އައްޑޫގައި ހުރެފައި ހއ.ގެ ބިލެއްވެސް ދައްކައިލެވޭނެ އައްޑޫ ބްރާންޗުން. އޮންލައިކޮށް ބިލުގެ ތަފްސީލު ބަލާލެވޭނެ،" އޮފިޝަލު ވިދާޅުވިއެވެ.
މި ސޮފްޓްވެއާ އާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ ޝަރީފް ވިދާޅުވީ، މިއަދު ތައާރަފު ކުރެވުނު ބިލިން ސިސްޓަމް އާއެކު ފެނަކައިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަން ހިންގުމާ ހަވާލުވެ ހުންނެވި އެކުންފުބީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްޢާން ވިދާޅުވީ މި ޤާއިމްކުރެވުނު ނިޒާމްގެ ސަބަބުން ހިސާބު ބެލެހެއްޓުމުގައި ވަރަށް ބޮޑު ލުއިފަސޭހައަކާއި ޔަޤީންކަމެއް ލިބިގެންދާނެކަމަށެވެ.
މި ސޮފްޓްވެއަރގެ ސަބަބުން ހުރިހާ ބްރާންޗް ތަކާއި ހެޑް އޮފީސް އެއް ނިޒާމެއްގެތެރެއަށް ލެވި އެއްސިސްޓަމަކުން ފެނާއި ކަރަންޓުފަދަ ހުރިހާ ހިދުމަތެއް ދެވޭނެއެވެ. ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލްއަކާއި އޮންލައިންކޮށް ބިލުގެ ތަފްސީލު ބަލާލުމުގެ ފުރުސަތާއި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހައި މައުލޫމާތާއި ފައިސާ ދެއްކޭނޭ ގޮތްވެސް މި ސޮފްޓްވެއާ އާއި އެޕްލިކޭޝަން އާއެކު ވަނީ ހަމަޖެހިފައެވެ.