28 May 2010, 09:30
14:30
ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ކަމަށާއި، ނައިބު ރައީސްގެ ކިބައިން އެދިވަޑައިގަންނަވާ ކަންކަން،
ނައިބު ރައީސް ވަރަށް ފުރިހަމައަށް ކޮށްދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު އެމަނިކުފާނު ދެއްވާ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޤައުމީ އިއްތިހާދު ޕާޓީއާއި އެމްޑީޕީއާ ދެމެދު ވެވިފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރުގެ ކަންކަމުގައި ހެޔޮލަފާ ދެއްވުމަށް ނައިބު ރައީސް ހުންނަވާކަމީ، އެމަނިކުފާނަށް އިތުބާރާއެކީގައި ސަރުކާރު ހިންގަވަމުން ގެންދެވޭކަމުގެ އެއް ސަބަބު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ޝަރުޠު ފުރިހަމަވާކަން ނުވަތަ ނޫންކަން ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި މެއި މަހުގެ 11 ވަނަ ދުވަހު ކަނޑައަޅައިފައިވާ މިންގަނޑުތަކާމެދު އަލުން ވިސްނާވަޑައިގެން، އެ މިންގަނޑުތައް އިޞްލާޙުކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި އެދިވަޑައިގެންފައިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި މިންގަނޑުތަކާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގަތީ، އެ މިންގަނޑަކީ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރާމެދު ރައްޔިތުންގެ ތެރޭގައި އިތުބާރު ޤާއިމުކުރެވިފައިވާ ޤާބިލު، ޢަދުލުވެރި، އިންޞާފުވެރި ކޯޓުތަކެއް ދިވެހިރާއްޖޭގައި ހިންގުމަށް މަގުފަހިވާ، އަދި ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކުރެވޭފަދަ މިންގަނޑަކަށްވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވި އެވެ. އަދި ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ހަމަޖެހިފައި ހުންނަންޖެހޭނެކަން އަބަދުވެސް ފާހަގަކުރައްވާ ކަމަށާއި، އެ ކަންތައްތަކުގެ ތެރޭގައި އިތުބާރު ކުރެވޭ ފަނޑިޔާރުގެއަކީ ދިވެހި ރައްޔިތުންނާ ދައުލަތަށް ޤާނޫނުއަސާސީ ލިބިދޭ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ޚިތާބުގައި، ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ރާއްޖެ ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީ ބައްލަވަން ބޭނުންފުޅުވާ ކަންކަން، ބެއްލެވޭނޭ މަގު، ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުން މިކަން ކުރަމުން މިގެންދަވަނީ، އެއްވެސް ހާލެއްގައި ކަމެއް ފޮރުވުމަށް ނޫން ކަމަށާއި ފޮރުވިފައިވާ އެހެން އެޖެންޑާއެއް ހިންގުމަށްވެސް ނޫން ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަހާކަފުޅުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާބެހޭ އިތުރު މަޢްލޫމާތު ދެއްވި. އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން ފުރަތަމަ މަސައްކަތް ފަށާނެ ރަށްތަކެއް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ރަށްރަށުގައި ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ހިންގާނެ ފަރާތްތަކެއް ހޯއްދެވުމަށް، ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އިޢުލާނު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.