30 Apr 2018, 18:23
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގެ ދައުވާ އުފުލާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނަށް ވަކީލަކު އައްޔަނުކުރުމަށް ދެ ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
އެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ވެސް ވަކީލަކު އައްޔަނުކުރުމަށް އިއްޔެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދީފައިވަނީ ދެ ދުވަހެވެ.
ވަކިވަކިން ބޭއްވި ދެ އަޑުއެހުމުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާ އިއްވަވަމުން ޕީޖީގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު ރިޝްވަތުގެ ފައިސާ ހިއްޕަވައި ވަކިބަޔަކަށް މަންފާވާ ގޮތަށް ހުކުމްތައް ކުރައްވާފައިވާ ކަމަށާއި އަދި އެހެން ފަނޑިޔާރުންނަށް ވެސް އޭނާ ނުފޫޒުރޯރުވާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
އަލީ ހަމީދުގެ މައްޗަށް ވަނީ ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން ފުލުހުންތަކަކާ ގުޅިގެން މަސައްކަތްތަކެއް ކުރިކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ގާޒީ ހައިލަމް އަހުމަދު ފުރުސަތު ދެއްވުމުން އަލީ ހަމީދު ވިދާޅުވީ މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. އަދި ވަކީލަކު އައްޔަނުކުރުމަށް 15 ދުވަސް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނުނު ބުނާ ގޮތުން ވަކީލަކު އައްޔަނުކުރުމަށް 15 ދުވަސް ދެވެން ނޯންނަ ކަމަށާއި އެ މައްސަލާގައި ވަކީލަކު އައްޔަނުކުރުމަށް ދެ ދުވަސް ދޭ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އަލީ ހަމީދު ވަނީ އޭނާއަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުނަގަނޑުން ތިރި އައްސި ވުމުގެ ސަބަބުން ހިނގަން އުދުނގޫ ކަމަށާއި އެކަށީގެންވާ ސިއްހީ ފަރުވާ ބޭނުންފުޅުވާ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
އަލީ ހަމީދުގެ ވާހަކަފުޅަށްފަހު ގާޒީ ހައިލަމް ވިދާޅުވީ ބަންދުގައި ހުންނަ މީހުންގެ ތެރެއިން އަލީ ހަމީދަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭން ޖެހޭ ފަރާތްތެއް ކަމަށާއި އެގޮތުން ކޮންމެ ދުވަހަކު ސިއްހީ ހާލަތު ބެއްލެވުމަށް ނަރުހެއް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި އެކަންތައްތައް ފުރިހަމަ ކުރަމުންދޭތޯ ސާފުކޮށްދިނުމަށް ގާޒީ ވަނީ ދައުލަތުގެ ވަކީލުންނަށް އަންގަވާފައެވެ.