"ޓުގެދާ އޭސް ވަން 3އޮން3" ބާސްކެޓް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

އޮންލައިން މީޑިއާ ޕާޓްނަރު ކަމަށް ސަން އޮންލައިން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސަން ސްޓޫޑިއޯގައި ބޭއްވި ހަފްލާގައި "ޓުގެދާ އޭސް ވަން"ގެ ޓީމުގެ ފަރާތުން ސޮއިކުރެއްވީ ފައުންޑާ ހުސައިން ޝިމާންއެވެ.

ސަން މީޑިއާ ގްރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ މިންހާ ފާއިޒެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޝިމާން ސަންއާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސަ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝިމާން ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތްވެސް ވަރަށް ކާމިޔާބު ކަމަށާއި، މިއަހަރުގެ މުބާރާތުގެ އޮންލައިން ޕާޓްނަރަކަށް ސަން ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިދިޔަ އަހަރު އަހަރެމެންގެ ފުރަތަމަ މުބާރާތް ބޭއްވީ ރޯދަ މަސް ތެރޭގައި. ޓުގެދާ އޭސް ވަން 3އޮން3 ބާސްކެޓްބޯޅަ މުބާރާތް. ބާސްކެޓްބޯޅައިގައި ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއް މިއީ. މުބާރާތަށް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނެ. ހާއްސަކޮށް މީގެ ސަބަބުން ދެ ފަރާތަށްވެސް ފައިދާތަކެއް ލިބިގެންދާނެ،" ޝައިމަން ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސަންގެ ސީއޯއޯ މިންހާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސަންގެ ފަރާތުން ވާހަކަ ދައްކަވަމުން މިންހާ ވިދާޅުވީ ބާސްކެޓް ކަހަލަ ތަފާތު ކުޅިވަރެއްގެ މުބާރާތަކުން މީޑިއާ ޕާޓްނަރުކަން ލިބިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ސަންގެ ހުރިހާ މީޑިއަމްއެއް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށެވެ.

"ސަން މީޑިއާއަށް މިފަދަ ފުރުސަތެއް ދެއްވީތީ ޓުގެދާ އޭސް ވަންގެ ޓީމަށް ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ. ސަން މީޑިއާ ގްރޫޕްގެ ދަށުން، ސަން ސްޕޯޓްސްއިން އަޅުގަނޑުމެން މިދަނީ ޒުވާނުންގެ ހަރަކާތްތަކަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެހެންވީމަ އެކަމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް މިއީ. އާންމުކޮށް ފުޓްސަލް ކަހަލަ ކުޅިވަރުތައް މި ގެނެސްދެވެނީ. އެކަމަކު މިފަހަރު ތަފާތު ކުޅިވަރެއް، ބާސްކެޓް ކަހަލަ ކުޅިވަރަކުން ފުރުސަތު ލިބުނީމަ ވަރަށް އުފާކުރަން،" މިންހާ ވިދާޅުވިއެވެ.

"ޓުގެދާ އޭސް ވަން 3އޮން3" ބާސްކެޓް މުބާރާތް މިދިޔަ އަހަރުވެސް ފާހަގަކުރެވުނީ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ. އެގޮތުން ސަޕޯޓަރުންނަށް ހާއްސަ ހަރަކާތްތަކެއްވެސް މުބާރާތުގެ ތެރެއިން މިދިޔަ އަހަރުވެސް ހިންގާފައިވާ އިރު، އެ ހަރަކާތްތައް ކުރީ އަހަރަށްވުރެ ބޮޑެތި އިނާމްތަކަކާއެކު ކުރިއަށްގެންދާނެ ކަމަށް މުބާރާތް ބާއްވާ "ޓުގެދާ އޭސް ވަން 3އޮން3" މުބާރާތުގެ ޓީމުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން ---

މިދިޔަ އަހަރުވެސް ކްރައުޑް ޗެލެންޖުގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދިޔަ އިރު، މިއަހަރުވެސް ތަފާތު އިނާމްތަކަކާއެކު އެ ޗެލެންޖު ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުންވެސް މިއަހަރު "ތުރީ ޕޮއިންޓް" ޗެލެންޖުގެ ނަމުގައި ހާއްސަ މުބާރާތެއް ކުރިއަށްދާ އިރު، ކޮންމެ ރެއަކުވެސް ކްރައުޑުގެ ތެރެއިން އެ ޗެލެންޖުގައި ވާދަކުރާ ބައިވެރިންގެ އެންމެ މޮޅު ބައިވެރިއަކަށް ފައިސާގެ އިނާމާއި އިތުރު އިނާމުތައްވެސް ކަނޑައެޅިފައިވެއެވެ. އަދި ފައިނަލް އޮންނަ ރޭގައި ކޮންމެ ރެއެއްގެ ޗެމްޕިއަން ވާދަކުރާ ހާއްސަ ފައިނަލެއް އޮންނާނެއެވެ.

މިއަހަރުވެސް މުބާރާތުގެ ފަސް ކެޓަގަރީއެއްގެ ކުޅުން ކުރިއަށްދާނެއެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަންގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނާއި މިކްސް ޑިވިޝަނެވެ.

މިދިޔަ އަހަރު މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކުޑަހެންވޭރު ޔުނައިޓެޑެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ޗޫ ހޯދި އިރު، މިކްސް ޑިވިޝަން ޗެމްޕިއަންކަން ހޯދީ އިންވިސިބްލްސްއެވެ.