ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހެނީ ގަވަރުމެންޓް އީ ލެޓޭ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) އިން ނޫން ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ ގޮތް އެއްވެސް ފަރާތަކަށް އޮޅިފައިވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވެފައިވަނީ ސަރުކާރުން ފޮނުވަން އުޅުނު ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓަށް ލިބުނަ ނުދިނުމަށް އެ ކޯޓުގެ މުވައްޒަފުން މެދުވެރިކޮށް ޖެމްސްގެ ހިދުމަތް މެދުކަނޑާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހަޅައި އެއަށް ރައްދު ދިނުމެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތުން 11 ކަމެއް ހުށަހެޅިއިރު ދައުލަތުގެ ފަރާތުން ތިން ކަމެއް ހުށަހެޅިއެވެ. އޭގެތެރެއިން އުއްތަމަ ފަނޑިޔާރުގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް އައީ ދައުވާ ބާތިލްކޮށްދިނުމަށް އެދިއެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެ އަޑުއެހުމުގައި ދެ ފަރާތުގެ ހުށެހުޅުންތަކަށްފަހު ގާޒީ ނިންމެވީ އެ މައްސަލައަކީ ބެލޭނެ މައްސަލައެއްގެ ގޮތުގައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވަނީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެމަނިކުފާނު އަންގަވާފައިނުވާ ކަމަށް ވިދާޅުވެ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

އެކެއް ފެބްރުއަރީގެ އަމުރަށްފަހު ހިނގައިދިޔަ ކަންކަމުގައި ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރި ލިޔެކިޔުންތައް ހުށަހެޅިފައިނުވާ ދައުލަތުން ބުނި ބުނުމަށް ވެސް އެމަނިކުފާނު ރައްދު ދެއްވިއެވެ.

ޖެމްސް އަކީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް އޮންނަ އުސޫލް ނޫން ކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެ ކޯޓަށް މައްސަލަ ހުށަހަޅަން ޖެހެނީ ރެޖިސްޓްރާއަށް އެޑްރެސްކޮށް ކަމަށާއި މައްސަލައިގައި އިތުރަށް ކުރިއަށް ދިއުމާމެދު ރެޖިސްޓްރާ ގޮތެއް އަންގަވާނެ ކަމަށެވެ.

އެއާ ޚިލާފަށް 'ޖެމްސް' ހުއްޓުމަކަށް ގެނައިކަމަށް ބުނެ އުފުލާފައިވާ ދައުވާއަކީ އެމަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ އަގު ވައްޓާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޖިނާއީ އަދުލުގެ ނިޒާމް މެދުވެރިކޮށް މީހުން ފްރޭމް ކުރުމުގެ އަމަލަކީ އެއްވެސް ހާލަތެއްގައި ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަމުން ދަނީ އާބިޓްރަރީކޮށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.