ރިޔާޒު (އޭޕްރިލް 30): ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯގެ ބޯޑަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފި އެވެ.

އަރަމްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އެކުންފުނީގެ ބޯޑަށް އަލަށް އައްޔަން ކުރާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ތެޔޮ ކުންފުނި ސަނޮކޯގެ ކުރީގެ ރައީސް އަދި ސީއީއޯ ލިން ލެވާޓީ އެލްސެންހާންސް ހިމެނެ އެވެ.

ދެހާސް އަށް ވަނަ އަހަރު ފޯބްސް މެގަޒިންގެ އެންމެ ބާރުގަދަ އަންހެނުންގެ ލިސްޓުގައި ހިމެނުނު އެލްސެންހާންސް އަރަމްކޯގެ ބޯޑަށް އައްޔަންކޮށްފައި ވަނީ، އެކުންފުނީގެ ހިއްސާ ވިއްކަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި އެވެ.

ސައުދީ އަރަބިއާގެ ބޮޑު ކުންފުނިތަކުގެ ބޯޑަށް އަންހެނުން އައްޔަން ކުރުމަކީ މީގެ ކުރިން އާއްމު ކަމަކަށް ނުވި ނަމަވެސް، މިހާރު އެކަން ދަނީ ބަދަލުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުގެ ސްޓޮކް އެކްސްޗޭންޖުގެ ޗެއާޕާސަން ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު ވަނީ އައްޔަންކޮށްފަ އެވެ. (ގާޑިއަން)