30 Apr 2018, 14:53
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ވާދަކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ. ޕޮގްބާގެ ގޯލުން ޔުނައިޓެޑް ލީޑު ކުރަމުން ދަނިކޮށް އާސެނަލުން ނަތީޖާ ހަމަހަމަކުރީ ހެންރިކް މިކިތާރިއަންގެ ގޯލުންނެވެ.
މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑް މޮޅު ކޮށްދިން ގޯލް އެޓީމަށް ކާމިޔާބުކޮށް ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަރުއާން ފެލައިނީ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ރޭގެ މެޗުން މޮޅުވެ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޔަގީން ވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.
މިހާތަނަށް ކުޅުނު 35 މެޗުން 77 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ދެވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ މަގާމު ޔަގީން ވެފަ އެވެ.
މޮރީނިއޯ ބުނީ ރޭގެ މެޗުން މޮޅުވާން ކުޅުނީ ޔުނައިޓެޑް ކަމަށާއި އާސެނަލުން ކުޅުނީ އެއްވަރުކޮށްލަން ކަމަށެވެ. އަދި ކުރިއަށް އާސެނަލަށް ޔޫރޮޕާ ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު އޮތުމުން އެކަމަށް އާސެނަލް ސަމާލުވި ކަމަށާއި އަންނަ ސީޒަންގައި އާސެނަލް ޗެމްޕިއަންސް ލީގު ޖާގަ ލިބެން އޮތީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން ކަމަށްވާ އިރު، ކޯޗު އާސެން ވެންގާގެ ވިސްނުން ގަބޫލުކުރެވޭ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް ކޯޗު މޮރީނިއޯ --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގެ ދެ ވަނަ ގޯލް ޖެހި ފެލައިނީގެ ކުރިމަގާ މެދު މޮރީނިއޯ ބުނީ، އޭނާ ބޭނުން ވަނީ ފެލައިނީ މަޑުކުރުވަން ކަމަށާއި ފެލައިނީ މަޑުކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ.
"ގޯލް ޖެހުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ބެޖު މަތީގައި ފެލައިނީ އައްޖައްސާލާނެ. އޭގެން އެ ބުނަނީ މަޑުކުރަން ބޭނުންވާ ވާހަކަ ކަމަށް އަހަރެން މި ބަލަނީ. އަހަރެން ބޭނުން ވަނީ ފެލައިނީ މަޑުކުރަން. އޭނާ ވެސް ބޭނުން ވަނީ އެ ގޮތް ކަމަށް މި ބަލަނީ،" މޮރީނިއޯ ބުންޏެވެ.
މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ވެސް ފެލައިނީ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ފަހުން ފެލައިނީ ބުނެފައި ވަނީ ޔުނައިޓެޑް ދޫކޮށްލަން އަދި ނުވިސްނާ ކަމަށެވެ.