30 Apr 2018, 15:26
މެންޗެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ޔަގީން ވެފައިވާ އިރު، ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ވަނީ ގިނަ ރެކޯޑުތަކަކާއެކު ލީގު ނަގަން ކަމަށް އޭނާ ބުނެފިއެވެ.
ރޭ ކުޅުނު މެޗުގައި ސިޓީން ވެސްޓްހަމް ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޖެހި ހަތަރު ގޯލާއެކު ސިޓީން ލީގުގައި ޖެހި ގޯލްގެ އަދަދު ވަނީ 102 އަކަށް އަރައިފައެވެ. މީގެ ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ 2009-10 ވަނަ އަހަރުގެ ސީޒަންގައި ޗެލްސީއެވެ. އެއީ 103 ގޯލެވެ. އަދި 35 މެޗުން 93 ޕޮއިންޓާއެކު އޮތް ސިޓީއަށް، ޕްރިމިއާ ލީގު ސީޒަނެއް އެންމެ ގިނަ ޕޮއިންޓާއެކު ކާމިޔާބުކުރި ޓީމުގެ ރެކޯޑުވެސް މުގުރާލުމަށް ފުރުސަތު ބޮޑެވެ. މީގެ ކުރިން އެ ރެކޯޑު އޮތީވެސް ޗެލްސީ އަތުގައެވެ. ޗެލްސީން 2004-05 ވަނަ އަހަރުގެ ސީޒަން ނެގީ 95 ޕޮއިންޓާ އެކުގައެވެ.
މީގެ އިތުރުންވެސް ސިޓީން ވަނީ މި ސީޒަންގައި ޗެލްސީގެ ރެކޯޑަކާ އަރާ ހަމަކޮށްފައެވެ. އެގޮތުން ސީޒަނެއްގައި އެންމެ ގިނަ ލީގު މެޗު ކާމިޔާބުކުރި ޓީމުގެ ރެކޯޑު ކުރިން ޗެލްސީ އަތުގައި އޮތީ 30 މެޗުން މޮޅުވެގެންނެވެ. ސިޓީއަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު، ސިޓީން ވަނީ މިހާރުވެސް އެ ރެކޯޑާ ހަމަކޮށްފައެވެ.
ރޭގެ މެޗަށްފަހު ގާޑިއޯލާ ބުނީ ސިޓީން މި ސީޒަންގައި ކުރި މަސައްކަތް ދައްކައިދެނީ ތާވާލުގެ ނަންބަރުތަކުން ކަމަށެވެ.
"ސިޓީން ސީޒަންގައި ކުރި މަސައްކަތް، ދެއްކި ނަތީޖާ އެ ދައްކައިދެނީ ނަންބަރުތަކުން. އަހަރެމެން ބޭނުން ވަނީ ތާރީހު ލިޔެލަން. ގޯލްގެ ރެކޯޑާއި ޕޮއިންޓްގެ ރެކޯޑުވެސް މުގުރާލަން ބޭނުން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ރޭގެ މެޗުން މޮޅުވުން ސިޓީއަށް މުހިއްމުވީ ދެން އޮތް ހޯމް މެޗުން މޮޅުވެ ޗެލްސީގެ 95 ޕޮއިންޓް ރެކޯޑު މުގުރާލުމަށް ކަމަށެވެ.
ގާޑިއޯލާ ބުނީ ޓްރޮފީއާއެކު ސަޕޯޓަރުންނަށް އެ ރެކޯޑުވެސް މުގުރާލަ ދޭން ބޭނުންވާ ކަމަށާއި ދެން އޮންނަ ހޯމް މެޗުގައި އެކަން ކުރެވޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ.
ރޭގެ މެޗުގައި ސިޓީއަށް ގޯލްތައް ޖަހައިދިނީ ލެރޮއި ސާނޭގެ އިތުރުން ގެބްރިއަލް ޖީސަސް އަދި ފެނާންޑީނިއޯއެވެ. ސިޓީގެ އަނެއް ގޯލަކީ ވެސްޓް ހަމްގެ ޑިފެންޑަރު ޒަބަލެތާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ވެސްޓަހަމްއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކަރެސްވެލްއެވެ.