02 Sep 2011, 17:01
ގއ. ކަނޑުހުޅުދޫން ފަރުމަހަށް ނުކުމެ އުޅުނު ދޯންޏެއް މާލެ އަތޮޅު އެނބޫދޫ ފަރަށް އަރާފައި ހުއްޓާ ސިފައިން ސަލާމަތް ކޮށްފި އެވެ.
ފަރަށް އަރާފައި ވަނީ ކަނޑުހުޅުދޫ ކަށިކެޔޮގޭ އަބްދުﷲ އިބްރާހިމްގެ "ސަވާރީ" ދޯންޏެވެ. ފަސް މީހުންނާއެކު ނުކުމެ އުޅުނު ސަވާރީ ފަރަށް އެރި ހާދިސާގައި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.
ފަރުމަހަށް ނުކުމެ އުޅެނިކޮށް ސަވާރީ ފަރަށް އަރާފައި ވަނީ ރޭ ގާތްގަނޑަކަށް 10:00 ޖެހިއިރުއެވެ.
ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން ބުނީ ސަވާރީ ފަރަށް އެރީ މަސްވެރިކަމުގައި އުޅުމަށް ފަހު ނަގިލި ނެގުމުގެ ތެރޭގައި ވައިބާރުވެ އޮއި ގަދަވުމުގެ ސަބަބުން ކަމަށެވެ. ސަވާރީ ފަރަށް އެރި ހާދިސާ ހިނގުމާއެކު ދިޔަހިއްކާ ޕަންޕާއި ޑައިވަރުންނާއެކު ސިފައިން އެ ސަރަޙަށްދަށް ގޮސް ދޯނިން ދަތުރުކުރި ފަސް ފަޅުވެރިން ނެގުމަށްފަހު ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.