30 Apr 2018, 13:02
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ލ. ގަން ފުޓްސަލް ކްލަބާއި އެފްސީ ބެންޑިޓްސް ވެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ލ. ގަމު ފުޓްސަލް ކްލަބުން ވަނީ 6-1ގެ ނަތީޖާއަކުން ޑެލްޓާ ބަލިކޮށްފައެވެ.
މެޗުގައި ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ)ވަނީ ހަތަރު ގޯލް ޖަހައިފައެވެ. އެ ޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަބްދުލް ބާރީ އަބްދުލްހަކީމާއި އަބްދުﷲ ޖުނައިދެވެ.
ޑެލްޓާއިން މެޗުގައި ޖެހި ހަަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަހުމަދެވެ.
ބެންޑިޓްސް އެފްސީން ދެވަނަ ބުރަށް ދަތުރުކުރީ 10-2 ގެ ނަތީޖާއަކުން ހުޅުމާލޭ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. މެޗުގައި އެފްސީ ބެންޑިޓްސްގެ ހަ ގޯލް އައްޒާމް އަލީ ދީދީ ކާމިޔާބުކޮށްދިން އިރު، އަނެއް ހަތަރު ގޯލް ކާމިޔާބުކޮށްދިނީ އަތުލަތު އަލީ ދީދީއެވެ.
ހުޅުމާލޭ ސްޕޯޓްސް ކްލަބުގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ހަސަން ފައިރޫޒާއި އަހުމަދު ސައީދެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލާ އިރު، ވައިޕާސްއިން އޮމަދޫ ބަލިކުރީ 6-2ގެ ނަތީޖާއަކުންނެވެ. ލުއްޗާސް އަދި ޕާކް ބޯއީސް ވާދަކުރި މެޗު 4-3ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލުއްޗާސްއެވެ.
އައިވޭވްއިން ލައިކަންސް ސްޕޯޓްސް ކްލަބު 5-0ގެ ނަތީޖާއަކުން ބަލިކޮށް ދެވަނަ ބުރުގެ ފުރުސަތު ހޯދި އިރު، ޕަންކު ހޫލިގަންސްއިން ހައި ވޯލްޓޭޖު ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން ހަތަރު މެޗު މިރޭވެސް އޮންނާނެއެވެ.
މިރޭ ކުޅޭނެ މެޗުތައް:
20:00 އެޕޮކަލިޕްސޭ - އެލް ވިއޯލާ
21:00 ޑީސީޖޭ - ކޮންފޭރޭ ސްޕޯޓްސް ކްލަބު
22:00 ކޮލެޖު ފްރެންޑްސް - އެފްސީ ބަނާނާ
22:00 ލާމު ޔޫތު ކްލަބު - ޕާކް