ކާބުލް (އޭޕްރިލް 30): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަމިއްލައަށް މަރުވެގެން ދެ ބޮމުގެ ހަމަލާދީ، 21 މީހަކު މަރާލައިިފި ކަމަށް އެގައުމުގެ ހެލްތް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަފްގާނުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މިއަދު ފުރަތަމަ ހަމަލާ ދިނީ އެގައުމުގެ ޖާސޫސީ އިދާރާގެ މައި އޮފީސް ކައިރީގައި އެވެ. އަދި ދެވަނަ ހަމަލާ ދިނީ އޭގެ 20 މިނިޓު ފަހުން، އެސަރަހައްދަށް ހެލްތް ވޯކަރުންނާއި ނޫސްވެރިން ޖަމާވި ފަހުން އެމީހުންނަށް އަމާޒުކޮށެވެ.

އަފްގާން ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެހާދިސާގައި 21 މީހަކު މަރުވުމުގެ އިތުރުން 27 މީހަކު ޒަހަމްވެފައިވެ އެވެ.

އޭއެފްޕީން ވަނީ މިއަދު މަރުވި ނޫސްވެރިންގެ ތެރޭގައި، އެނޫހުގެ ކާބުލް ބްރާންޗުގައި އިސްކޮށް ހުންނަ ފޮޓޯގްރާފަރު ޝާހު މަރައި ހިމެނޭ ކަމަށް ބުނެފައި އެވެ. އަދި އަލްޖަޒީރާއިން ވަނީ އެހާދިސާގައި އެނޫހުގެ ފޮޓޯގްރާފަރަކުވެސް ޒަހަމްވެފައިވާ ކަމަށް ބުނެފައި އެވެ.

ކާބުލްގައި އެދެ ހަމަލާ ދިނީ އެސިޓީގެ ވޯޓާ ރެޖިސްޓްރޭޝަން ސެންޓަރަކަށް ބޮމުގެ ހަމަލާއެއްދީ 57 މީހަކު މަރާލިތާ ހަފްތާއެއް ފަހުންނެވެ. އެގައުމުގައި އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބާ ދިމާކޮށް ކާބުލްއަށްދޭ ހަމަލާތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އަލްޖަޒީރާ)