30 Apr 2018, 11:47
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވިއަން އައިޑަލްގެ ސެޓުން ފާއިތުވި ދެ ސީޒަނުން ވިދާލި ފަސް ބައިވެރިއަކު ވަނީ ތިން ވަނަ ސީޒަންގެ ބައިވެރިންނާ އެކު ފޯރިގަދަ ރީތި ލަވަތަކެއް ހުށަހަޅައިދީފަ އެވެ.
ފޯރިގަދަ ރީތި ހުށައެޅުންތަކެއް އެރޭ ފެނިގެން ދިޔަ އިރު ކުރީ ދެ ސީޒަންގެ ވެސް އެންމެ ވަރުގަދަ "ކަމްބެކް" އަކާ އެކީ އައިޑަލްގެ ސްޓޭޖް އިން ފެނުނީ ކޮން ބައިވެރިއެއްބާވަ އެވެ؟
އައިޑަލްގައި މައީޝާ އަދި ނަޒީހް ލަވަ ހުށައަޅައި ދެނީ--- ފޮޓޯ/ ފޭސްބުކް
ކުރީ ދެ ސީޒަންގެ ބައިވެރިންގެ ހުށައެޅުންތައް ވެސް ރަނގަޅު ކަމަށް ފާހަގަކޮށް ޖަޖުން ވަނީ އެ ބައިވެރިންނަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށްފަ އެވެ.
ޓްވިޓާގައި އެރޭ ވަކިން ފޯރިގަދަ އެވެ. ގަދަ ތިނެއްކަށް ދާނެ ބައިވެރިންގެ އިންތިޒާރުގައި ތިއްބާ ކުރީ ދެ ސީޒަންގެ ބައިވެރިންގެ ހުށައެޅުންތަކުން އެކަންތައް ކުޑަ ވަގުތުކޮޅަކަށް ވެސް ހަނދާން ނެތުނެވެ.
ގިނަ ބެލުންތެރިން ފާހަގަކުރި ފަދައިން އިޝާން އާއި ނަޒީހްގެ ފެނިލުން ވަރުގަދަ އެވެ. ހާއްސަކޮށް އައިޑަލް ސީޒަން އެކަކުން ފެނިގެން ދިޔަ އަހްމަދު ނަޒީހްގެ އެވެ.
އައިޑަލްގެ ސްޓޭޖުގައި ފާލިހު އަދި ތަސްލީމް ލަވަ ހުށައަޅައި ދެނީ--- ފޮޓޯ/ ފޭސްބުކް
އަމިއްލަ ސޯލޯ ލަވަ އައިޑޮލްގެ ސްޓޭޖުމަތީގައި އަމިއްލައަށް ހުށަހަޅާލުމުގެ ފަހުރުވެރިކަން އޭނާ ވަނީ ހޮނިހިރު ދުވަހުގެ ރޭ ލިބިފަ އެވެ. އެއާ އެކު ނަޒީހް ވެފައި ވަނީ އައިޑޮލް އިން ވިދާލި ބައިވެރިޔަކަށް އެ ފަހުރު ލިބުނު ފުރަތަމަ ބައިވެރި އަށެވެ.
"ރާޅު ބޯއީ"ގެ ނަމުން މަޝްހޫރު ވެފައިވާ ނަޒީހް ހުށައަޅާދީފައި ވަނީ އޭނާގެ އަމިއްލަ ސޯލޯ ލަވަ "ރާޅޭ" އެވެ. ޖަޖުން ވެސް އާޝޯހްކޮށްލާފައިވާ އިރު އޭނާ ވަނީ ވަރުގަދަ ކުރިއެރުމެއް ދައްކާލައިފަ އެވެ.
އެލިމިނޭޝަން ރޭގައި ލަވަ ހުށައަޅައިދިން އަނެއް ފަންނާނުންނަކީ ހަމޫދް، ޝަމްވީލް، އިޝާން އަދި ފާލިހް އެވެ.
ޒަރޭ އަދި ޝަމްވީލް ލަވަ ހުށައަޅައިދެނީ--- ފޮޓޯ/ ފޭސްބުކް
ޝަމްވީލް އާއި ނައުޝާދު (ޒަރޭ)ގެ ހުށައެޅުމުން މުޅި ސްޓޭޖް ގުގުމާލި އެވެ. ވަރުގަދަ ދެ "އެންޓަޓެއިންމަންޓް" އިން ޖެހުނީމަ ކިހާ ފޯރިގަދަ ވާނެ ހެއްޔެވެ؟
ސައިނާ އަދި ހަމޫދު ވެސް ވަނީ ރީތި ފޯރިގަދަ ހުށައެޅުމެއް ހުށައަޅާދީފަ އެވެ. ހިތްގައިމު ރީތި ފޯރިގަދަ ލަވަތަކެއް އައިޑަލް ސީޒަންގެ ބައިވެރިންގެ ފަރާތުން ފެނިގެން ދިޔަ އިރު ތަސްލީމް އާއި ފާލިހުގެ ލަވަ ވެސް ވަރަށް ފުރިހަމަ އެވެ. އިޝާން އާއި އަޒަލްގެ ހުށައެޅުން ވެސް މެ އެވެ.
ހަމޫދު އަދި ސައިނާ އައިޑަލްގެ ސްޓޭޖްގައި ލަވަ ހުށައަޅައި ދެނީ--- ފޮޓޯ/ ފޭސްބުކް
މިފަހަރު އައިޑަލްގެ ބައިވެރިންނަށް ކުރީ ސީޒަންގެ ބައިވެރިންގެ ފަރާތުން މުޅިން އާ ކަންތައްތަކެއް ދަސްވެގެން ދިޔައިރު ހުރިހާ ބައިވެރިން ވެސް ވަނީ ވަރުގަދަ "އިމްޕްރޫވްމަންޓް"އެއް ދައްކައިފަ އެވެ.
ކުރީ ދެ ސީޒަންގެ ބައިވެރިން މިފަހަރު އައިޑަލްގެ ޕްލެޓް ފޯމުން ފެނިގެންދިޔަ އިރު އެންމެ ވަރުގަދަ "އިމްޕްރޫވްމަންޓް"އެއް ދައްކާފައި ވަނީ ކޮން ފަންނާނެއް ބާވައެވެ؟
ހަމޫދު އަދި ސައިނާ އައިޑަލްގެ ސްޓޭޖްގައި ލަވަ ހުށައަޅައި ދެނީ--- ފޮޓޯ/ ފޭސްބުކް
އަންނަ މަހު އައިޑަލްގެ ގްރޭންޑް ފިނާލޭ އޮންނައިރު މިފަހަރު ފިނާލޭގައި ބައިވެރިވާނީ ގަދަ ފަސް ބައިވެރިންނެވެ. ކުރީ ދެ ސީޒަނާ ހިލާފަށް މިފަހަރު ފިނާލޭ އަށް ގަދަ ފަސް ބައިވެރިން ގޮސްފައިވާ އިރު ބެލުންތެރިންގެ އިތުރުން ޖަޖުންނަށް ވަނީ އެކަމުގެ ސަބަބުން ކުއްލި ހައިރާން ކަމެއް ލިބިފަ އެވެ. އެއާ އެކު ކުރީ ދެ ސީޒަން އާ ހިލާފަށް މިފަހަރުގެ ފިނާލޭ "ޓަފް" ވާނެ އެވެ. އައިޑަލްގެ ޓައިޓަލް އުފުލާނީ ކޮން ބައިވެރިއެއް ބާވަ އެވެ؟