30 Apr 2018, 09:53
ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ ފިލްމަކުން ކުރިއަރަމުން އަންނަ ބަތަލު ކާތިކް އާރްޔަން އަށް ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު ވެސް ފެނިގެންދާ އެ ފިލްމުގެ ރޯލަށް ކާތިކް މިހާރު ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ރަސްމީ ފަރާތަކުން އެކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
ދާދި ފަހުން ޔަޝްރާޖްގެ ފިލްމަކަށް އޭނާ ސޮއިކޮށްފައިވާ ކަމަށް ވެސް ވަނީ އަޑުތަކެއް އަރައިފަ އެވެ. އެކަމާ ގުޅޭ ގޮތުން އޭނާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަވަސް މުސްތަގްބަލެއްގައި ކުރިއަށް ހުރި މަސައްކަތްތައް މީޑިއާ އާ ހިއްސާ ކުރާނެ ކަމަށެވެ.
"ވަރަށް އުފާވެރި ހަބަރުތަކެއް އެބަހުރި. ވަރަށް އަވަހަށް ކުރިއަށް އޮތް މަސައްކަތް ވެސް ހާމަކުރާނަން. ރަނގަޅު ވަގުތު އައިސް ޖެހުނީމަ،" ކާތިކް ބުންޏެވެ.
އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ. އެ ފިލްމަށް ވަނީ 100 ކުރޯޑުގެ އާމްދަނީ އެއް ލިބިފަ އެވެ.