29 Apr 2018, 23:38
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި މިއަދު ސ. ހިތަދުއާއި ދ. ކުޑަހުވަދޫ ކުޅުނު މެޗު އެއްވަރުވެ އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދުއަށް ސެމީ ފައިނަލްގެ ފުރުސަތު ހަނިވެއްޖެއެވެ.
މިއަދުގެ ނަތީޖާއާއެކު ކުޑަަހުވަދުއަށް ވަނީ ސެމީއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައެވެ.
ގްރޫޕްގެ އެއްވަނައިގައި ތިމަރަފުށި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. އެ ޓީމަށް އަދި ބާކީ މެޗެއް އޮތް އިރު، ގްރޫޕްގެ ދެވަނައިގައި ތިން މެޗުން ފަސް ޕޮއިންޓާއި ފައިދާ ތިން ގޯލާއެކު އޮތީ ސ. ހިތަދުއެވެ. އެ ޓީމަށްވެސް އަދި ބާކީ މެޗެއް އެބައޮތެވެ.
ތިންވަނައިގައި ކުޑަހުވަދޫ އޮތީ ހަތަރު މެޗު ކުޅެ ފަސް ޕޮއިންޓާއެކު ފައިދާ ދެ ގޯލުންނެވެ. ސެމީގެ ފުރުސަތު ނުގެއްލި އޮތް ނިލަންދުއަށްވެސް އަދި ގްރޫޕް ސްޓޭޖުގައި މެޗެއް އޮތް އިރު، ކުޅުނު ތިން މެޗުން ލިބެނީ ތިން ޕޮއިންޓާއެކު ފައިދާ އެއް ގޯލެވެ.
އެ ގްރޫޕްގައި ދެން ހިމެނޭ ގދ. ހޯނޑެއްދޫ ވަނީ މުބާރާތުން ކަޓައިފައެވެ.
މިއަދު ނިލަންދޫ ދަނޑުގައި ކުޑަހުވަދުއާއި ހިތަދޫ ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލް ޖެހީ ކުޑަހުވަދޫންނެވެ. އެ ގޯލް ކުޑަހުވަދުއަށް ކާމިޔާބުކޮށްދިނީ ނެލްސަން ބޯހީނޭއެވެ. ހިތަދޫން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު މިނެޓުގައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ސިރާޖެވެ.
ގްރޫޕް ދޭއްގައި މިއަދު ކުޅުނީ އއ. މާޅޮހާއި ބ. ފެހެންދޫ ވާދަކުރި މެޗެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެހެންދުއެވެ.
މެޗުގައި ފެހެންދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން އީމާނާއި ހަސަން ޝުޖާއުއެވެ. މާޅޮހުގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޚާލިދު ގަމާލެވެ.
ގްރޫޕް ދޭއްގެ އެއް ވަނައިގައި މިވަގުތު އޮތީ މާޅޮހެވެ. އެ ޓީމަށް ހަތަރު މެޗުން ލިބެނީ ހަތް ޕޮއިންޓާއެކު ފައިދާ ހަތް ގޯލެވެ. ދެވަނައިގައި އޮތް ފޯކައިދޫން ތިން މެޗު ކުޅެފައިވާ އިރު، އެ ޓީމު އޮތީ ހަތް ޕޮއިންޓާއި ފައިދާ ދެ ގޯލާއެކުގައެވެ.
ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާއި ފައިދާ ހަތަރު ގޯލާއެކު ފެހެންދޫ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ހއ. މުރައިދުއާއި އދ. ފެންފުއްޓަށް ސެމީގެ ޖާގަ ގެއްލިފައިވާ އިރު، މާޅޮސް ފިޔަވާ އަނެއް ހަތަރު ޓީމަށްވެސް ގްރޫޕް ސްޓޭޖުގައި އަދި ބާކީ މެޗެއް އެބައޮތެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރު ދެ ގްރޫޕަކަށް ބަަހާލައިގެން ކުރިއަށްދާ އިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ގްރޫޕް އެކެއް އަދި ދޭއްގެ މެޗެއްވެސް މާދަމާ އޮންނާނެއެވެ. ގްރޫޕް އެކެއްގައި މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ ފ. ނިލަންދުއާއި ގދ. ހޯނޑެއްދުއެވެ. ގްރޫޕް ދޭއްގައި ކުޅޭނީ ށ. ފޯކައިދުއާއި ހއ. މުރައިދު ވާދަކުރާ މެޗެވެ.